ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދަން އަނެއްކާ ވެސް ވޯލްކް-އިން-އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ އިންޓަވިއު ކުރިއަށް ދާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށް މާފަންނު ބަސް ޓާމިލަނުގައި ކަމަށެވެ.
ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އެމްޓީސީސީން އިންޓަވިއުއެއް ބާއްވާފައިވެއެވެ.
ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް އީވީ ބޭނުންކޮށްގެން ދޭން ނިންމާފައިވާ ޓެކްސީލައިންގެ ހިދުމަތަށް ޕާޓްޓައިމްކޮށް އަދި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ 407 ޑްރައިވަރުން އެމްޓީސީސީއަށް ބޭނުންވެއެވެ.
އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.
ސަރުކާރުން ފަށަން ތައްޔާރުވަމު އަންނަ ޓެކްސީ ލައިންގެ ހިދުމަތަކީ 24 ގަޑިއިރު ދޭނެ ހިދުމަތެކެވެ.

