ދިވެހިރާއްޖޭގައި ކުއްލި މަރުތައް ގިނަ ވަމުން އަންނަ މައްސަލައިގައި ދިރާސާތަކެއް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމަށް ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ކެމްޕެއިން ފެށުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހަށިގަނޑުގެ ވަޒަން ގެއްލި، ޖިސްމަށް ނުކުޅަދާނަ މިންވަރަށް ސަމައްތަރު ހެޔޮވުމަކީ، ދުޅަހެޔޮވުމެއް ނޫން ކަމަށާއި އެފަދަ ހާލަތަކަށް ހަށިގަނޑު ބަދަލުކޮށްލާ ސަބަބުތަކެއްވެސް އެބަހުރި ކަމަށެވެ.

އެގޮތުން އެއް ކަމަކީ، ހެލިފެލިވެ އުޅުން މަދުވުން ކަމަށާއި އަނެއް ކަމަކީ، ޞިއްޙަތަށް ގެއްލުންދެނިވި ކެއުމުގެ އާދަތަކެއް ގެންގުޅުން ކަމަށްވާއިރު މި ހުރިހާ ނުރަނގަޅު ކަމަކީވެސް، ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ އެންމެ ބޮޑެތި ސަބަބުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ތެރޭގައި ދެން އޮތް ޞިއްޙަތަށް ގެއްލުންދޭ، ނުރަނގަޅު އަނެއް ކަމަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން ކަމަށާއި މިކަން އޮތީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރިފައި ކަމަށެވެ.

”އަޅުގަނޑުމެންގެ ތެރޭގައި، ޒުވާނުންގެ ކުއްލި މަރުތައް މިހާރަކަށް އައިސް ގިނަވެއްޖެ. އެއީވެސް، އަޅުގަނޑުމެންގެ ތެރޭގައި ހުރި މިފަދަ ނުރަނގަޅު އާދަތަކާ ގުޅިފައި އޮތް ކަމަކަށްވެސް ވެދާނެ. އެކަމުގެ ޙަޤީޤަތް ބެލުމަށްޓަކައި ދިރާސާތަކެއްކޮށް، ހޯދައި ބަލަން އެބަޖެހޭ.“ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުން ކަމަށާއި އޭގެ ތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތަކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.