ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕެއިން ޖަގަހަ ރޭ ހުޅުއްވައިދެއްވައިފިއެވެ.

އެކަމަށްޓަކައި ހުޅުމާލޭގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރުކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލް އާއި އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ޕީއެންސީގެ ގިނަ އަދަދެއް ސަޕޯޓަރުން ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލައިކާ ވަނީ އެކަމަނާ އިންތިހާބުވެވަޑައިގެންފިނަމަ ސަރުކާރާއި ވުޒާރާތަކާއި ގުޅިގެން އާއިލާތަކާއި މާލެ ސިޓީގެ ތަރައްގީއަށް ކުރައްވާނެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި އަންހެނުންގެ ތަރައްގީއަށާއި ކުދިބޮޑު އެންމެގެ ހަމަޖެހުމަށް އެކަމަނާ ގެންގުޅުއްވާ ސިޔާސަތުތައް ވަނީ ހިއްސާކުރައްވާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ.

އިންތިހާބަކާއި ނުލާވެސް ގިނަ ގޮނޑިތަކެއް ޕީއެންސީއަށް ކަށަވަރުވެފައިވާއިރު، އެ ޕާޓީން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފޯރިއާއެކު ކެމްޕެއިނުގެ ހަރަކާތްތައް ހިންގަމުންނެވެ. މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރުގެ ވަޒީރުންނާއި އިސްވެރިންވެސް ރަށްރަށަށް ވަޑައިގެން ދޮރުން ދޮރަށް ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ގެންދަވަނީ މާލޭގެ ދޮރުން ދޮރަށް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.