އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

Ads by Asuru

މި މައްސަލައަކީ ކުޑަކުއްޖެއްގެ މައްސަލައަކަށްވާތީ، ކްރިމިނަލް ކޯޓުން މި މައްސަލައިގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ މިމައްސަލައިގައި ހުކުމް ކޮށްފައިވަނީ އދ.ދިއްދޫ / ރޯޝަނީވިލާ، ޝާމިލް އާދަމްގެ މައްޗަށް ކަމަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ކުޑަކުއްޖަކު އިތުބާރުކުރެވޭ މަޤާމެއްގައިހުރި މީހަކު އެކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާއަށް ޝަރީއަތުގައި އިންކާރު ކުރިނަމަވެސް، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހައި ހެކި ޤަރީނާއިން، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވެއެވެ.

އެހެންކަމުން އޭނާ 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެއެވެ.

އަދި ޝަރީއަތުގެ މަރުހަލާގައި ޝާމިލް އާދަމް 03 އަހަރާއި 03 މަހާއި 13 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނުކުރުމުން ތަންފީޒުކުރަންޖެހޭ އަދަބަކީ 11 އަހަރާއި 8 މަހާއި 17 ދުވަސްކަމަށް ކަނޑައަޅައި ހުކުމްކޮށްފައިވެއެވެ.