އަދުލު އިންސާފު ގާއިމު ކުރުމުގެ ނިޒާމަށް، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ނުފޫޒު ފޯރުވަމުންދާތީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

Ads by Asuru

ސ. ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އަދުލުވެރިކަން ގާއިމުކުރާނެ ކަމަށްބުނެ ވެރިކަމަށް އައިމީހުން މިހާރު އަމަލުކުރަމުން އަންނަ ގޮތާމެދު ސުވާލު އުފެދޭ ކަމަށެވެ.

”މިއަދުގެ ޝަރުއީ ނިޒާމުގެ ހިނގާ ކަންތައްތައް އެ ހިނގަނީ އެމްޑީޕީގެ އިސްސަފުގަ ތިއްބެވި ހަތަރު ބޭފުޅުންގެ ލޯ ފާމުން.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިހާލަތުގައި ކަންކަން ހުރުމުން މިސަރުކާރަށް އަދުލުއިންސާފުގެ ކަންކަމާވެސް ނުބެހެވޭ ކަން އެނގޭ ކަމަށެވެ.

އަދުލުއިންސާފުގެ ދާއިރާ ޖަވާބުދާރީ ކުރުވަން އޮތްތަނަކީ ޖޭއެސްސީކަން ފާހަގަކުރައްވައި، ރައީސް ޔާމީން ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިން ދެއްކެވި ވާހަކަމަތިން މިހާރު ހަނދާން ނެތްކަމަށެވެ.