ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނަމަ ނުފޫޒެއް ނެތި މަސައްކަތް ކުރާނެ ރައްޔިތުންގެ މަންދޫބުންތަކެއް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެގެން ދާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައިވެރިވެވަޑައިގެންނެވި ހަރަކާތުގެ ތެރެއިން މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ އެއް ދުވަހެއްގައި ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމުން ހޮވޭނީ ސަރުކާރުގެ މަޖިލީހެއް ނޫން ކަމަށާއި، ހޮވޭނީ ސަރުކާރުގެ ނުފޫޒު ނެތް ”ރައްޔިތުންގެ“ މަޖިލީހެއް ކަމަށެވެ.

”ރައްޔިތުންގެ މަޖިލީހަށް ބަޔަކު ވާދަކުރަމުން ދާއިރު އެއިރަކު ނޭނގޭ ހޮވޭނީ ކާކުކަމެއް. އެތައް ބަޔަކު ކުރިމަތިލައިގެން މިއުޅެނީ. އެހެންމަ އެއްކަލަ ނުފޫޒުވެސް އެބަ ގެއްލޭ. އެކަމަކު ސަރުކާރެއް އޮވެފައި، ހިނގަހިނގާ އޮތް ސަރުކާރެއް އޮވެފައި، އެއާ އެކީގައި ދެން ހަ މަސް ފަހުން މަޖިލީހުގެ އިންތިހާބު އޮތީމަ މި ވާ ގޮތަކީ، އެއިރުގައި ހިނގަހިނގާ އޮތް ސަރުކާރުގެ ނަމުގައި އެބަ ބަޔަކަށް ނުކުމެވޭ.“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެއާ ހިލާފަށް އެއް ދުވަހެއްގައި ރައީސާއެކު މެންބަރުން އިންތިހާބުކުރާނަމަ، އެ ބޭފުޅުން އިންތިހާބު ކުރެވިގެންދާނީ ވަރަށް އިންސާފުވެރިކޮށް، ދެ ފުށް ފެންނަ ގޮތަށް ކަމަށެވެ. އެގޮތުން އެއްވެސް މީހަކަށް އެމީހަކު ސަރުކާރުގެ ކެންޑިޑޭޓެކޭ ނުބުނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިކަމާމެދު ފުންކޮށް ވިސްނާލުމުން، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ރައްޔިތުންނަށް ލިބޭނެ ފައިދާތައް އެނގޭނެ ކަމަށެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއެކުގައެވެ.