ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ’ބިންވެރިޔާ ހާއްސަ ސްކީމު‘ ގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
މި ފުރުސަތު މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ގޯއްޗަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ ’ބޯހިޔާވަހިކަން ޕޯޓަލް‘ މެދުވެރިކޮށެވެ.
މި ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އަލަށް ހިއްކަމުންދާ ރަސްމާލެއިން ކަމަށާއި، ދޫކުރާ ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީ 1,250 އަކަފޫޓު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި އުސޫލުގައި ހިމެނޭ މައި ކެޓަގަރީތަކަކީ، ކެޓަގަރީ-1، ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކާއި، ކެޓަގަރީ–2، ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތަކެވެ.

