ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދެމެދުގައި ހަ މަސް ދުވަހުގެ މުއްދަތެއް އޮތުމަކީ ގައުމަށް އެއްވެސް ފައިދާއެއް ވާކަމެއް ނޫން ކަމީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ވޯޓުލާންވީ ގައުމީ ވިސްނުމުގައި ކަމަށެވެ. މިކަމުގެ ތެރެއަށް ސިޔާސީ ވިސްނުން ވައްދަން ނުޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގައުމު އިސްނުކޮށް، އަމިއްލަ ވިސްނުންތަކާއި ޕާޓީގެ ކަންކަން ވިސްނައިގެން ރާއްޖެއާއި ގައުމުގެ އިގްތިސާދު ހަލާކުވެގެންދިޔަ މަންޒަރު ފެނިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ޕާޓީއެއްގެ ވެރިކަމުގައި އޮވެގެން، އެ ޕާޓީއެއްގެ ކެންޑިޑޭޓުންގެ ގޮތުގައި ނިކުމެ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުން އަނެއް ޕާޓީގެ ކެންޑިޑޭޓުން ކުރިމަތިލައިގެން އޮންނަންޖެހޭ ހަމަހަމަ އިންތިހާބެއް ބޭއްވުމުގެ ފުރުސަތު ގެއްލިގެންދާ ކަމަށެވެ.
”ފްރީ އެންޑް ފެއާ އިލެކްޝަނަކީ ޑިމޮކްރަސީގައި ވަރަށް މުހިންމު އަސާސެއް. މިއީ ސިޔާސީ ވާހަކައެއް ނޫން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއް ފަރާތުގައި ސަރުކާރުގެ ކެންޑިޑޭޓުން ތިބެ، އަނެއް ފަރާތުގައި ސަރުކާރު ނޫން ކެންޑިޑޭޓުން ތިބުމުން އިންތިހާބުގެ ހަމަހަމަކަން ގެއްލިގެންދާ ކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބަށް ”ފްރީ އެންޑް ފެއާ“ އިންތިހާބެއް ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރުމަށް މަޖިލީހުގެ ތެރެއިން ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވޭނެ ބޭފުޅެއްވެސް ނޭނގޭއިރު، ތިމަންނައަކީ ސަރުކާރުގެ ކެންޑިޑޭޓެކޭ ބުނުމުގެ ފުރުސަތު އެއްވެސް ކެންޑިޑޭޓަކަށް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކި ޕާޓީތަކަށް ބެހިފައި އޮންނަ މަޖިލީހެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމީ ވިސްނުމުގެ ބަދަލުގައި ސިޔާސީ ވިސްނުމުގެ ސުޕަ މެޖޯރިޓީއެއް މަޖިލީހަށް ލިބިއްޖެނަމަ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ޒިންމާދާރު މެންބަރުންނެއް މަޖިލީހުގައި ނުތިބޭނެ ކަމަށެވެ. އަދި ސުޕަ މެޖޯރިޓީގެ މި ނިޒާމުވެސް ނެތިކޮށްލެވޭނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހަށް ހޮވޭ މެންބަރުންނަކީ އެންމެ ގިނަ ރައްޔިތުން ވޯޓު ލައިގެން އިންތިހާބު ވެގެންދާނެ މެންބަރުންނަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ މާނަހުރި ދެމެހެއްޓެނިވި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ކަމަށެވެ.

