މާލެ ތަރައްގީ ކުރުމުގައި އެންމެ އިޙުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ބޭފުޅަކީ ޕީއެންސީން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުސާ އަލީ ޖަލީލްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ”އަންޕޮޕިއުލަރ ޑިސިޝަން“ ނަގާފައިވަނީ ގައުމު  އިސްކޮށްގެން ކަމަށާއި މާލޭގައި ކުރަން ހުރި ކަންތައްތަކަށް ބަލާއިރު އެމަނިކުފާނު ވައުދުވެ، ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަން ކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ އިދާރާ އަކީ މާލޭ ސިޓީ ކައުންސިލް ކަމަށެވެ.

އެހެންކަމުން އެ އިދާރާ ހިންގުމަށް ގައުމީ ވިސްނުމުގައި މަސައްކަތްކޮށް އެކަން ރައްޔިތުންނަށް  ދައްކާފައިވަނީ ޕީއެންސީން މާލޭގެ މޭޔަރުކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ކަމަށް ރައީސް ވިދާޅުވިއެވެ.

”މާލޭގެ ލޮބިވެތި ރަށްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ގައުމީ ބަތަލު މޫސާ އަލީ ޖަލީލަށް ތިބޭފުޅުން ތާއީދު ކޮށްދެއްވާ 4 އޭޕްރީލްގައި އޮންނަ އިންތިހާބުގައި އެމަނިކުފާނު ހޮވައިދެއްވުމަށް“ ރައީސް ވިދާޅުވިއެވެ.

މިގައުމު މިއަދާ ހަމަޔަށް އަމާންކަމާއެކު އައީ 3 ނޮވެމްބަރު 1988 ގައި ސިފައިންގެ ތެރެއިންނާއި އާންމުންގެ ތެރެއިން އެތައްބަޔަކު ވީ ގުރުބާނީއާއި ދެއްކެވި ވަރުގަދަ މިސާލުގެ ސަބަބުން ކަމަށާއި، އޭގެ ތެރެއިން އެއްމެ ވަރުގަދަ މިސާލު ދެއްކެވި އެއްބޭފުޅަކީ މޫސާ އަލީ ޖަލީލް ކަމަށް ރައީސް ވިދާޅުވިއެވެ.

“ އެމަނިކުފާނު މޭ އައްޑަނަޔަކަށް ދިއްކުރައްވައިގެން، ގައުމަށްޓަކައި އެދުވަހު ސިފައިން ގެއިން ޓީމެއްގޮވައިގެން ލީޑް ކުރައްވައިގެން ނިކުންނެވި ނިކުންނެވުން އެއީ މިއަދު އަޅުގަނޑުމެންގެ މިޒުވާނުންނަކަށް ޖެންޒީ އަކަށް އަދި  އެއަށްވުރެ ޒުވާން ކުދިންނަކަށް ނޭނގޭނެ.“ ރައީސް ވިދާޅުވިއެވެ.

އަދި 3 ނޮވެމްބަރުގައި ރާއްޖެ އަމާން ގައުމެއްގެ ގޮތުގައި ސަލާމަތްވެގެން އައި ގޮތް ޒުވާނުންނާއި ރައްޔިތުންނަށް އިގެންޖެހޭ ކަމަށާއި، އަދި މިއަދު މާލޭގެ ރައްޔިތުންނާއި އެކު ހުންނެވީ އެދުވަހު ގައުމު ސަލާމަތްކުރުމުގައި އެންމެ މުހިންމު އެއްދައުރު އަދާކުރި ބޭފުޅާކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި މާލެ ސިޓީ މާލޭގެ ދިރިއުޅޭ ރައްޔިތުން އެދޭގޮތަށް ގައުމީ ވިސްނުމުގައި، ހިތްވަރާއި، މުރާލިކަމާއެކު އަދި އިހުލާސްތެރިކަމާއެކު މުސާ އަލީ ޖަލީލު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

“ މިއީ ސުވާލެއްވެސް އަޅުގަނޑުމެންތެރޭގައި އޮންނާނެ ކަމެއް ނެތް. ޕާޓީ ރޫހު ދޫކޮށްލަންވީ. ޕާޓީ މިކަމުގައި އީކުއޭޝަނަށް ގެންނާނެ ކަމެއްވެސް ނެތް އެއްވެސް ބޭފުޅަކު. އެމްޑީޕީގެ ތިއްބެވި ބޭފުޅުންވެސް މިއަދު އަމާންކަމާއެކު މިގައުމުގައި އެތިއްބެވީ މޫސާ އަލީ ޖަލީލް ކުރެއްވި މަސައްކަތުން.“ ރައީސް ވިދާޅުވިއެވެ.

އަދި މާލޭގެ ރައްޔިތުން ވޯޓް ލެއްވުމުގައި ޕާޓީގެ ރޫހު ދޫކޮށް މާލެ ތަރައްގީ ކުރެއްވުމުގައި ގައުމީ ވިސްނުމުގައި ކުރިއަށް ވަޑައިގަތުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.