ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ ސަރުކާރުން 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަދާކުރައްވައި ނިންމެވި ކަމަށްޓަކައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ މިއީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް، އިގްތިސާދީ ކަންކަން ދުރުވިސްނުމާއެކު ބަލަހައްޓައި، ދައުލަތުގެ ޒިންމާތައް އަދާކުރުމުގައި ސަރުކާރުން ބަހައްޓަވާ ސާބިތުކަން ހާމަކޮށްދޭ މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި ދުނިޔޭގެ އިގްތިސާދީ މަސްރަހަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، މިފަދަ ބޮޑު ލޯނެއް ދައްކައި ހަލާސްކުރުމަކީ ސަރުކާރުގެ އިތުބާރާއި، ހަރުދަނާ ލީޑަޝިޕް ރަމްޒުކޮށްދޭ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން މީގެ ސަބަބުން ބައިނަލްއަގުވާމީ މާލީ މައިދާނުގައި ރާއްޖެއަށް އޮތް އިތުބާރު ބަދަހިވެ، އިންވެސްޓަރުންގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ހޯއްދެވި މި ކާމިޔާބީއާމެދު އިންތިހާއަށް އުފާކުރާ ހިނދު، މި އަހަރު ދައްކަންޖެހޭ އިތުރު ލޯނުތައްވެސް ދައްކައި ނިންމާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮންނެވި ކަމަށެވެ. މިއީ މާޒީގެ ދަރަނިތަކުން މި ލޮބުވެތި ގައުމު ސަލާމަތްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މިފަދަ ކުރިއެރުންތަކަކީ ކޮންމެ ގޮތަކުން ބެލިޔަސް ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާ އެއްފަދަ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

މި މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމުގައި، ރައީސް މުއިއްޒުގެ ސަރުކާރަށް ގާސިމްގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އަބަދުވެސް އޮންނާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސުކޫކު ދެއްކުމުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްފައިވާނެ ކަމަށާއި، ސުކޫކަށް ދައްކަންޖެހޭ އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރާއި، އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާރު ދައްކައި ހަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނީ އިއްޔެއެވެ.

2021 ވަނަ އަހަރު އޭރުގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައި 250 މިލިއަން އެމެރިކާ ޑޮލަރުގެ ”ސަނީ ސައިޑް“ ބޮންޑު އަދާކުރުމަށެވެ.

އިތުރު ދަރަންޏެއް ނުނަގައި މި ސަރުކާރުން ސުކޫކު ދައްކައި ހަލާސްކުރިކަމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މަރުހަބާ ދަންނަވައި މިސަރުކާރަށް ތައުރީފްކުރައްވާފައެވެ.