އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ގެނެސްދޭނެ ބަޖެޓެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން، މަޖިލީހުގައި ކުރެއްވި ބަހުސްގައި މީކާއީލް ވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވާހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެއްކަން ފާހަގަކުރައްވާފައެވެ. މީކާއިލް ވިދާޅުވީ މާލެ ރައްޔިތަކަށް ވެ ހުރެ އަދި މާލޭގެ ދާއިރާއެއް ތަމްސީލްކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން މިހާރު ހުށަހަޅާފައި އޮތް ބަޖެޓުން ވަރަށް ބޮޑު އުންމީދެއް ލިބިވަޑައިގަންވާކަމަށެވެ.

މި ސަރުކާރުގެ ޕްލޭނަށް އަލިއަޅުއްވާލައްވާ މީކާއިލް ވިދާޅުވީ ގުޅީފަޅާއި، ހުޅުމާލެ އަދި ގިރާވަރު ފަޅުގައި 5،000 ގޯތި ރައްޔިތުންނަށް ދެވޭނެ ގޮތަށް ސަރުކާރުން މި ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

އެހެންކަމުން މި ބަޖެޓު ފާސްވުމުން، މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ޔަގީންވާނެކަން ފާހަގަކުރައްވާ މީކާއިލް ވަނީ އެކަމާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

”އިރާދަކުރެއްވިއްޔާ މިފަހަރު ނިމޭނީ ލިސްޓަކަށް ނަންތައް އަރައިގެންނެއް ނޫން. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ބަޖެޓު ފާސްވުމާއި އެކު މާލޭގެ ފަސްހާސް އާއިލާއަށް ގޯތީގެ ރަޖިސްޓްރީ ކަށަވަރުވާނެ ކަމަށް އަޅުގަނޑަށް ޔަގީންކުރެވޭ.“ މީކާއިލް ވިދާޅުވިއެވެ.