މިއަދު ކުރިއަށްދާ ތިން އިންތިހާބުގެ ވޯޓުލުމުގައި، މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އެންމެ ވާދަވެރި ދެ ކެންޑިޑޭޓު ކަމަށްވާ ކޮންގްރެސް ޕާޓީގެ މޫސާ އަލީ ޖަލީލާއި އެމްޑީޕީގެ އާދަމް އާޒިމް ވޯޓުލައްވައިފިއެވެ.
ޖަލީލަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ސިފައިންގެއަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް ޖަލީލަށް މިހާތަނަށް ވަނީ ނުވަ ކުލަ އަދި 11 މެޑަލް ވެސް ދެއްވައިފައެވެ. އަދި މި ސަރުކާރުން މިދިޔަ އަހަރު ވަނީ ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް ވެސް އެމަނިކުފާނަށް އަރުވާފައެވެ.
އާޒިމް އަކީ މިހާރުވެސް މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ބޭފުޅާއެވެ. އެބޭފުޅާއަށް އެމްޑީޕީގެ ޓިކެޓު ލިބިވަޑައިގެންނެވީ އެމްޑީޕީ ޕްރައިމަރީގައި އަލީ އާޒިމްއާއި ވާދަކުރައްވައެވެ.

ޖަލީލާއި އާޒިމްގެ އިތުރުން ވެސް މާލެ ސިޓީގެ މޭޔަރުކަމަށް ތިން ބޭފުޅުން ވާދަކުރައްވައެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު އައިހަމްގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ މަހުޒޫމް މާޖިދެވެ.
މި އިންތިހާބުގައި ޖުމްލަ 2961 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ 1593 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރައްވާ 1368 ކެންޑިޑޭޓުންނެވެ.
އީސީން ބުނެފައިވަނީ މިއަދު ހަވީރު 4:00 ގައި ވޯޓުލާ ކިޔުތައް ބަންދުވާނެ ކަމަށެވެ.

