ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުނެގުން މިއަދު ކުރިއަށްދާއިރު، މެންދުރު 12:00 އާއި ހަމައަށް ވޯޓު ލީ %21.05 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން 12 ޖެހުމާއި ހަމައަށް ވޯޓު ލާފައިވަނީ 28،838 އަންހެނުންނާއި، 33،245 ފިރިހެނުންނެވެ. ޖުމްލަ 294،876 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، އޭގެ ތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.

އީސީން ބުނީ މިހާތަނަށް 232،793 މީހުން ވޯޓު ނުލާ އެބަތިބި ކަމަށާއި، އެއީ %78.95 މީހުން ކަމަށެވެ.

މިއަދު ހެނދުނު 8:00 ގައި ތިން އިންތިހާބުގެ ވޯޓުލުން ފަށާފައިވާއިރު، ވޯޓުލާ ކިޔު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.

ވޯޓު ލުމަކީ 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ހައްގެއް ކަމަށްވާއިރު، މި ހައްގު އަދާކުރުމަށް ކަމާބެހޭ އިދާރާތަކުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު ކުރިއަށްދާ އިންތިހާބުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވާ ކަމަށް އީސީން ބުނެފައިވެއެވެ.