މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާއި ގުޅޭ ގޮތުން މިހާތަނަށް 30 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނީ އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ މައުލޫމާތު ހޯދުމަށާއި، ވޯޓުލާ ކަރުދާސްކޮޅު ނުބައި ފޮށްޓަކަށް ލެވިއްޖެނަމަ ބާތިލްވާނެތޯ އޮޅުން ފިލުވުމަށް ކަމަށެވެ. އަދި ވޯޓުލާ މަރުކަޒުގެ ޖާގަ ކުޑަވެގެންނާއި، ވޯޓު ފޮށީގެ ވެރިޔާ ކަންކުރާ ގޮތުން ހިތްހަމަ ނުޖިހިގެންވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އީސީން ބުންޏެވެ.

މީގެ އިތުރުން ކެމްޕެއިން ކުރުން މަނާވެފައި އޮއްވާ ކެމްޕެއިން ކުރާކަމުގެ ޝަކުވާއާއި، ވޯޓުލާ މަރުކަޒުތަކުގައި އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށް އީސީން ބުންޏެވެ.

ތިން އިންތިހާބެއްގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ޖުމްލަކޮށް ހުރިހާ ވޯޓު މަރުކަޒެއްގައި ވެސް ވޯޓުލުން ކުރިއަށްދަނީ އަމާންކޮށެވެ. ނަމަވެސް ވޯޓުލާފައިވާ މީހުންގެ އަދަދު އަދި ވަރަށް މަދެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މެންދުރު 12:00 އާއި ހަމައަށް ވޯޓު ލީ %21.05 މީހުން ކަމަށެވެ. އެއީ 28،838 އަންހެނުންނާއި، 33،245 ފިރިހެނުންނެވެ. ޖުމްލަ 294،876 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، އޭގެ ތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.

އީސީން ބުނީ މިހާތަނަށް 232،793 މީހުން ވޯޓު ނުލާ އެބަތިބި ކަމަށާއި، އެއީ %78.95 މީހުން ކަމަށެވެ.

މިއަދު ހެނދުނު 8:00 ގައި ތިން އިންތިހާބުގެ ވޯޓުލުން ފަށާފައިވާއިރު، ވޯޓުލާ ކިޔު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.

އީސީން ބުނެފައިވަނީ ވޯޓުލާ މީހުންގެ ނިސްބަތް ދަށް ނަމަވެސް ވޯޓުލާ ވަގުތު އިތުރުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.