2026 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީއަށް ވަރަށް މުހިންމު އިމްތިހާނެކެވެ.
މި އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީގައި، އެ ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރި ނުކުރުމަކީ ސިޔާސީ މުހައްލިލުންގެ މެދުގައި ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ.
ރޭގައި އެމްޑީޕީން އެޕާޓީގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި މުހައްމަދު ނަޝީދުގެ ނަން ޖަހާފައި ބަހައްޓާފައިވަނީ ހުސްގޮނޑިއެކެވެ.
މިއީ ސިޔާސީ މަސްރަހުގައި އާ ކަމެއް ނޫނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާގައި ރައީސް ނަޝީދަށް ޕޯޑިއަމުން ޖާގަ ނުދޭން އެޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ނިންމާފައެވެ. އެކަމާއި ހިތުގައި ޖެހި ރައީސް ނަޝީދުވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.
“ މި އުފާވެރިރޭ ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެ“ މި ޕޯސްޓަށް އެއްބަޔަކު ނަޝީދާއި އެއްކޮޅަށް ވަކާލާތު ކުރާއިރު އަނެއް ބަޔަކު ވަނީ އިދިކޮޅަށްވެސް ވާހަކަދައްކާފައެވެ.
ނަމަވެސް މިތާ އުފެދޭ އެންމެ ބޮޑު ސުވާލަކީ އެމްޑީޕީގެ ޕޯޑިއަމުން މިހާރު ނަޝީދަށް ޖާގަ ދޭން ޖެހޭތޯއެވެ.
މިއީ ސިޔާސީ ގޮތުން ބަހުސްކުރެވޭ ކަމެކެވެ. ރައީސް ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރި ފަރާތް ކަމަށްވިޔަސް، ނަޝީދު ވަނީ އެ ޕާޓީން ވަކިވެ އަމިއްލަ ޕާޓީއެއް އުފައްދާފައެވެ. އެހެންކަމުން، އެމްޑީޕީގެ ޕޯޑިއަމުން ޖާގަ ދިނުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާއި، އެތެރޭގެ ނިންމުންތަކާއި، އަދި ދެފަރާތުގެ ސިޔާސީ މަސްލަހަތު ހުރިގޮތުގެ މައްޗަށް ބިނާވާނެ ކަމެކެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު އެމްޑީޕީއަށް އައި އެންމެ ބޮޑު ބަދަލަކީ ޕާޓީގެ އިސް ސަފަށް އައި ބަދަލެވެ. ރައީސް ނަޝީދު ”ދަ ޑިމޮކްރެޓްސް“ އަށް ދިއުމާއި ގުޅިގެން، އެމްޑީޕީގެ ތެރޭގައި އައު ލީޑަރޝިޕެއް ބިނާވެގެން ދިޔައެވެ. 2026 ގެ އިންތިޚާބުގައި އެމްޑީޕީން މަސައްކަތްކޮށްފައިވަނީ ރައީސް ނަޝީދު ނުލައެވެ.
ނަޝީދަކީ ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ ތާއީދު އޮތް ބޭފުޅެއް ނަމަވެސް، ބައެއް ދާއިރާތަކުގައި އެމަނިކުފާނުގެ ފިކުރާ މެދު އޮންނަ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ވޯޓު ގެއްލޭ ކަމަށް އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ގަބޫލުކުރެއެވެ.
މި އިންތިހާބުގެ ކާމިޔާބީގައި ފެނިގެންދިޔައީ އެމްޑީޕީގެ އާންމު މެންބަރުން ވަކި ފަރުދަކަށް ބަރޯސާވުމުގެ ބަދަލުގައި ރައީސް ނަޝީދު ނެތަސް ޒުވާން ލީޑަރުންނާއި ރަށްރަށުގެ އިސް ހަރަކާތްތެރިވި ތަނެވެ.
އެހެންކަމުން އެމްޑީޕީގެ ޕޯޑިއަމަކުން ޖާގަ ނުލިބުމުން ނަޝީދު ހިތުގައި ޖެހޭނެ ޖާގައެއް މިހާރު ނެތްކަމަށް ގިނަ ބަޔަކު ބަގޫލުކުރެއެވެ.
ނަމަވެސް އަނެއްކޮޅުން އެޕާޓީގެ ބާނީ ކުނިކޮޅެއް ދުރުކޮށްލާ ފަދައިން އެއްވެސް އިހުތިރާމަކާއި ނުލައި އެއްލާލުމަކީ މިހާރު ޕާޓީގެ އިސް ސަފުގައި ތިބިމީހުންގެ ކުޑަވެސް އިހުލާސްތެރި ކަމެއް ނެތްކަމުގެ ހެއްކެއް ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.
ރޭގެ އެ ބައްދަލުވުމަކީ ކާމިޔާބީ ފާހަގަކުރަން ބޭއްވި އެއްވުމެއް ނަމަވެސް ނަޝީދާއި ދޭތެރޭ އަމަލުކުރިގޮތުން އެ ބައްދަލުވުމުގައި ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައެވެ.

