މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން، މިހާތަނަށް އައިއިރު، އަސާސީ އެއްވެސް ބާވަތެއް ރާއްޖެއިން ހުސްވިޔަ ނުދީ، މެނޭޖު ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީއިން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވަނީ، އަސާސީ 164 ބާވަތެއްގެ މުދާ ކޮންމެ ދުވަހަކު މޮނިޓަރކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ، މިހާތަނަށްވެސް، އެއްވެސް އަސާސީ ބާވަތެއް ހުސްވިޔަ ނުދީ މެނޭޖުކުރެވިފައިވާކަން ފާހަގަކުރައްވައިފައެވެ.

އަދި މިކަން މިގޮތުގައި ދެމެހެއްޓުމަށް، ހުރިހާ އިމްޕޯޓަރުންނާ ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އެލްޕީޖީ ނުވަތަ ކައްކާ ގޭހުގެ ހިދުމަތްދޭ ވިލާ ގޭހުން، ގޭހުގެ އަގުބޮޑުކުރުމަށް ނިންމި ނިންމުން އެނގިވަޑައިގެންނެވި ހިސާބުން، އެކުންފުންޏާއި އެސްޓީއޯ އާއެކު ފަންނީ މަޝްވަރާކުރައްވައި، މި ކަމަށް ހައްލެއް ހޯދުމާމެދު ނިންމަވާ ގޮތެއް، ވަރަށް އަވަހަށް އިއުލާނު ކުރައްވާނދކަން ސައީދު ހާމަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ، ކަރަންޓުގެ ޓެރިފް ބޮޑުކުރެއްވުމުގެ ވިސްނުމެއް އަދި ނެތްކަމަށް ވިދާޅުވެފައެވެ.

ފަތުރުވެރިކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހަނގުރާމައިގެ މި ހާލަތުގައިވެސް ރާއްޖޭގެ ޑިމާންޑް ދަށް ނުވާކަމަށެވެ.

އެގޮތުން، މިދިޔަ އަހަރާ އަޅައިބަލާއިރު، މާޗު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ނިސްބަތުން ދަށް ކަމުގައިވީނަމަވެސް، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ސީޓް އޮކިއުޕަންސީ އިތުރުވަމުންދާކަމީ ހެޔޮ ފާލެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާލީ ވުޒާރާއިން އިއުލާންކުރެއްވި ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތްކުރައްވައި ކޮމިޓީގެ ޗެއަރ ވަނީ، ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުއްވުމަށް ގަސްދުކުރައްވާފައިވަނީ، ދިވެހި އެއްވެސް ރައްޔިތަކަށް ބުރައެއް އުފުލަން ނުޖެހޭނޭ ގޮތަށް ބައްލަވައިގެން ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން، އެއްވެސް ކޮންފްލިކްޓް ޒޯނަކަށް ދާ އުޅަނދަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމަށް، މިހާތަނަށް ހުއްދަ ދެއްވާފައި ނުވާނެ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ހުއްދައެއް ނުދެއްވާނޭކަމަށް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.