މާލެ ސިޓީ ކައުންސިލުން ދާދި ފަހުން މާލޭގެ އެކި މަގުތަކުގައި ހަރު ކުރި ނަން ބޯޑުތަކުގައި ގިނަ އިމްލާ ކުށްތަކެއް ހުރުމުން، ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުން، އެ ކައުންސިލަށް އަމާޒުވެއްޖެއެވެ.

މިގޮތުން ލޮނުޒިޔާރަތްމަގު ލިޔުމުގެ ބަދަލުގައި ”ލޮނުޒިޔާރައިމަގު“ ލިޔެފައިވާއިރު، ”މާފަތްތަކުރުފާނު މަގު“ގެ ބަދަލުގައި ބޯޑުތަކުގައި ލިޔެފައި ވަނީ ”މާފައިތަކުރުފާނުމަގު“ މިހެންނެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ކުރީގެ ވެރިޔާ ޑރ. އަބްދުލްހަންނާނު ވަނީ މިއީ ދިވެހި ބަހަށް ކުރަފިއެރުވުމުގެ ހުތުރު އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

އޭނާ ވަނީ، ކައުންސިލްގައި ތަންދޮރު ދަންނަ ބަޔަކު ނެތީތޯ ވެސް ސުވާލު އުފައްދަވައިފައެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާގައި އާއްމުންގެ ތެރެއިން ވެސް ގިނަ ބަޔަކު ދަނީ މާލެ ސިޓީ ކައުންސިލްގެ މި އަމަލު ކުށްވެރި ކުރަމުންނެވެ. އަދި ބޮޑު ހަރަދު ކޮށްގެން، ބޭކާރު ވެގެންދާނެ ފަދަ މިފަދަ ކަންކަން ކުރުމަކީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ކަމުގައި ވެސް ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.

މިކަމާ ގުޅިގެން، މާލޭގެ މޭޔަރު ކަަމަށް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި އާދަމް އާޒިމަށް ވެސް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

މާލޭގެ މަގުތަކުގައި ނަންބޯޑުތައް ހަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބަޔަކާ ހަވާލު ކޮށްގެންނެވެ. ބޯޑުތަކުގައި ބޮޑެތި އިމްލާ ކުށް ހުރި މައްސަލައިގައި، އަދި ކައުންސިލުން އެއްޗެއް ބުނެފައެއް ނުވެއެވެ.