ޗާގޯސް މައްސަލައިގައި، ސަރުކާރުގެ ސްޓޭންޑް ބަދަލުވެ، ފާޑުކިޔުންތައް އަމާޒުވުމުން، ރައީސް އޮފީހުގައި ރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި، ކުރީ ސަރުކާރު ގޯސްކޮށް ފޮރިން މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވައިފިއެވެ.
ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގަން ރާއްޖެ އަށް ލިބުނު އެންމެފަހު ފުރުސަތު ގެއްލުވާލީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް އޭނާ ރޭ ވިދާޅުވިއެވެ.
އެ ގަރާރުގައި ޗާގޮސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގަައި ކަނޑައެޅުމަށާއި އަދި އެތަނުގައި ވަޒަންވެރިވެގެން ތިބި މީހުން ގަދަ ބާރުން ބާލައިގެން ގެންގޮސްފައިވާކަން ފާހަގަކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެހެންކަމުން އެތަނުގެ އަސްލު ވަޒަންވެރިން އެތަނަށް ގެނެސް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އެ ގަރާރުގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އ.ދ ގައި ރާއްޖެއިން ވޯޓު ދިނީ އެ ގަރާރާއި ދެކޮޅަށް ކަމަށާއި ނަމަވެސް 95 ގައުމުގެ ތާއީދާއެކު އެ ވޯޓު ފާސްވެގެންދިޔަ ކަމަށެވެ.
އެ ގަރާރު ފާސްވި ނަމަވެސް ކޯޓުގައި ހިނގަމުންދިޔަ މައްސަލަ އަށް ތަދައްހުލްވުމުގެ ފުރުސަތު ދިވެހި ދައުލަތަށް އޭރުވެސް އޮތް ކަމަށާއި ނަމަވެސް ގަރާރާއި ދެކޮޅަށް ވޯޓު ދިނުމަށްފަހު އޭރުގެ ސަރުކާރު އޮތީ ހަނު ކަމަށް ޝާހިދު ވިދާޅުވި އެވެ.
އަދި އެއީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގަން ބޭނުންވާ ކަމަށްވާނަމަ ދިވެހި ދައުލަތަށް ލިބުނު އެންމެފަހު ފުރުސަތު ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
”މިހާރު އެ ސަރުކާރުގައި ތިއްބެވި ބޭފުޅުން، އެ ސަރުކާރުގެ ރައީސް ކަމުގައި ހުންނެވި ރައީސް ޔާމީން އެ ދައްކަވާ ވާހަކަފުޅު އެއީ ހިތުގެ އަޑިން ދައްކާ ވާހަކައެއް ކަމަށްވާނަމަ އެ ފުރުސަތު ނަގައެއް ނުލައްވާނެ. އެ ދުވަހު ވަޑައިގަންނަވާނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް.“ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ ކުރީގެ ސަރުކާރުން ވެސް އަދި އޭގެ ކުރީގެ ސަރުކާރުތަކުން ވެސް ޗާގޮސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ގަބޫލުނުކުރާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަން ސާބިތުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.