ލޯކަލް ކައުންސިލް އިންތިހާބާއެކުގައި، މަޖިލީހުގެ އިންތިހާބާއި، ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ވޯޓަކީ، ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ބެލުމަށް ނެގި ވޯޓެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު، އަދި ކޮންގްރެސް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، މި މަހުގެ ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހއ.މުރައިދޫއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން ވެސް ފެންނަ ނުފެންނަ ވޯޓުތައް ނަގާފައިވާ ކަމަށާއި، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ވެސް އެފަދަ ވޯޓެއް ނެގި ކަމަށެވެ. ނަމަވެސް އެ ވޯޓުގައި ރައްޔިތުން ރިޔާސީ ނިޒާމު އިހްތިޔާރު ކުރުމުން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ނާކާމިޔާބު ލިބިއްޖެ ކަމަށް ނުގޮވާ ކަަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
”އޭރު ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން، ރައީސް މައުމޫން އަބްދުލްގައްޔޫމަށް މަޖުބޫރު ކުރުވައިގެން، ސުވާލު ކުރި ވޯޓެއް އެއީ. ރައްޔިތުން ނިންމީ ރިޔާސީ ނިޒާމެކޭ ރާއްޖޭގައި އޮންނަން ފެންނަނީ.“ އޭނާ ވިދާޅުވިއެވެ.
ފަލާހުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ކޮންގްރެސް ޕާޓީގެ މެމްބަރުން ގަތުމަށް އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް މަޖިލީހުގެ ޕީއެންސީގެ 75 މެމްބަރުންނަކީ ވަރަށް އިހުލާސްތެރި މެމްބަރުންތަކެއް ކަމަށެވެ. އަދި މިއިން އެއްވެސް މެމްބަރަކު ހުރީ ފައިސާއަށް ގުޑާ ގޮތަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން އިދިކޮޅު އެމްޑީޕީން ދައްކާ ހުރިހާ ވާހަކަތަކެއް އެ މެމްބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހިއްސާކުރައްވަމުން ގެންދަވާ ކަމަށާއި ޕީއެންސީގެ މަޖިލިސް މެމްބަރުންނަކީ ވަރަށް ތެދުވެރި މެމްބަރުންތަކެއް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

