ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް އެޅުމުގެ ފަންނީ މަސައްކަތްތައް ދަނީ ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން 500 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާއިރު، އެ މަޝްރޫއުއާ ގުޅޭގޮތުން، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ސުވާލު ކުރުމުން، ދެއްވި ޖަވާބުގައެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މަޝްރޫއުގެ ފަންޑިންގެ މަސައްކަތްތައް ދަނީ ކުރިއަށް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ މެދުތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކެންސަރު ބައްޔަށް ފަރުވާ ކުރެވޭނެ އެ ހޮސްޕިޓަލުގައި އަންހެނުންނާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ހާއްސަ ޔުނިޓެއް ވެސް ހިމެނޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ހޮސްޕިޓަލު ބޮޑު ކުރުމަށްޓަކައި، އިތުރު އިމާރާތެއް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އަމާޒަކީ އެ މަސައްކަތް ވެސް އަވަހަށް ފެށުން ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ތަނުގައި ހޮސްޕިޓަލެއް ނެތުމަކީ، އެ ތަނުގައި އުޅޭ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އެމްޑީޕީގެ ނިމިދިޔަ ސަރުކާރުން ފޭސް 2 ގައި ހޮސްޕިޓަލެއް އެޅުމުގެ ވާހަކަ ދެއްކި ނަމަވެސް، ފަސް އަހަރުގެ ވެރިކަން ނިމިގެން ދިޔައިރު ވެސް އެކަން ކޮށްފައެއް ނުވެއެވެ.