ވަޒީފާ ދިނުމުގައި އިސްކަން ދޭނީ މެރިޓާއި ތަޖުރިބާއަށް: ރައީސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމާ ބެހޭގޮތުން މި މަހު ނެގި ފެންނަ ނުފެންނަ ވޯޓަށް އިޝާރާތްކުރައްވައި، އެ ނަތީޖާއަށް ބިނާކުރައްވައި ސަރުކާރު ހިންގުމުގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެންނަވާނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެގޮތުން، ސަރުކާރުގެ ސައިޒާއި ހަރަދުތައް ކުޑަކޮށް، މީހުން އައްޔަނު ކުރުމުގައި މެރިޓަށް އިސްކަންދިނުމަކީ ރައްޔިތުން އެދޭ ގޮތްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި އެ ކަންކަމަށް އިސްކަން ދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ހާއްސަކޮށް މީގެ ފަހުން، ސަރުކާރުގެ އެއްވެސް ކުންފުންޏެއްގައި ސިޔާސީ ވިސްނުމެއްގައި، ވަކި މީހަކު ބުނެގެން އައްޔަނު ކުރެވޭ މަގާމުތައް ހުރެގެން ނުވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވުޒާރާތަކަށް މީހުން އައްޔަނު ކުރުމުގައި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް އަށް ލިބިވަޑައިގަންނަވާ އިހުތިޔާރު ތަންފީޒުކުރެއްވުމުގައިވެސް ކުރިއަށްއޮތްތަނުގައި ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބައްލަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ކޮންމެހެން އައްޔަންކުރައްވަން ޖެހިވަޑައިގެންފި ހާލަތެއްގައިވެސް، ސްޓޭޓް މިނިސްޓަރުންނަކީ ކަމާބެހޭ ދާއިރާއިން މާސްޓަރސް ފެންވަރުގެ، އަދި ޑެޕިއުޓީ މިނިސްޓަރުންނަކީ ކަމާ ބެހޭ ދާއިރާއިން ޑިގްރީ ފެންވަރުގެ ސަނަދެއް އޮތް މީހެއް ކަމުގައި ހެދުމަށް، މިންގަނޑުތަކެއް ގެންގުޅުއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފެށުނީއްސުރެވެސް އެމަނިކުފާނު އިސްކަންދެއްވާފައިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށްކަމުގައި ވިދާޅުވެ، ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ އަޑުއައްސަވައިގެން މަސައްކަތްކުރެއްވުމުގައި ދެމިހުންނަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.