ށ. މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، މިހާތަނަށް 11 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލްއިން ބުނީ، މި މަޝްރޫއުގެ ދަށުން މިހާތަނަށް ނިމިފައިވަނީ ބިން ހިއްކުމުގެ މަޝްރޫއުގެ ގާތްގަނޑަކަށް 42 އިންސައްތަ މަސައްކަތެވެ.
މި މަސައްކަތް ކުރިއަށްދަނީ އެއްފަހަރާ 35,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ހުރި ”ކުއީން އޮފް ދަ ނެދަލެންޑްސް“ ޑްރެޖަރު ބޭނުން ކޮށްގެންނެވެ.
މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
ސަރުކާރުގެ އަމާޒަކީ އަމަލީ މަސައްކަތް ފަށާ ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމާލުމެވެ.

