ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓޫީއެލް)ގެ ހިދުމަތް ނުފެށި ހުރި އަތޮޅުތަކުގައި ވަރަށް އަވަހަށް އެ ހިދުމަތް ފެށިގެންދާނެ ކަަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުއިއްޒު ވިދާޅުވީ، އާރްޓީއެލްގެ ހިދުމަތް މިހާރު ނުފެށި ވަނީ 4 އަތޮޅެއްގައި ކަަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިކަން ލަސްވެގެން ދަނީ، ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ވަގުތުން ވަގުތަށް ދެވުން ލަސްވެގެންދާތީއެވެ.

”އެންމެ ލަސްވެގެން، ޖުލައި، އޯގަސްޓާ ހަމައަށް ދާއިރަށް މި ބަލަނީ، ބާކީ ހުރި ހުރިހާ އަތޮޅެއް ކަވަރ ކޮށްލެވޭނެ ކަމަށް.“ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، މިހާރު އާރްޓީއެލްގެ ހިދުމަތް ފަށާފައިވާ ރަށްތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގައި އާރްޓީއެލް ހައިސްޕީޑް ފެރީގެ ހިދުމަތް ދެމުންދަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.

ރައްޔިތުންނަށް ބޭނުންތެރި މިފަދަ މަޝްރޫއުތައް ފުޅާކޮށް ކުރިއަށް ގެންދިއުމަށް ރައީސް މުއިއްޒުގެ ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.