ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުސަތު ދެވިފައިވާ ކަމެއް ކަމުގައި ވިޔަސް، އެކަމުގައި ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ކަނޑައަޅުއްވައިފައިވާ ކަމަށް ރައީސް ޑރ.މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ހިތާބުގައި ރައީސް ވިދާޅުވީ، ހިޔާލުފާޅުކުރުމުގައި އަހުލާގީ މިންގަނޑުތަކަށް ތަބާވުމާއި، މުޖުތަމައުގެ އާންމު މަސްލަހަތު ހިފެހެއްޓުމާއި، ސިލްމާއި ސަލާމަތު ނެގެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައިވަނީ ބާރުއަޅުއްވާފައި ކަމަށެވެ.
”މި ޒަމާނުގައި ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ބިނާވެފައި މި އޮންނަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށެވެ. އިންސާނީ ހައްގުތަކާއި، ދެމެހެއްޓެނިވި ތަރައްގީއާއި އަދި ސުލްހަމަސަލަސްކަން ދެމިއޮތުން ގުޅިފައިވަނީވެސް ނޫސްވެރިކަމުގެ މިނިވަންކަމާއެވެ.“ ރައީސްގެ ހިތާބުގައި ވެއެވެ.
އެމަނިކުފާނު ވަނީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މި ދުވަހު، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަގީގަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ އަޒުމު ކަނޑައެޅުމަށް ހިތާބުގައި ގޮވައިލައްވައިފައެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން އެންމެން ވަރަށް ފުންކޮށް ވިސްނައި ފިކުރުކުރަންޖެހޭ ކަންތައްތައް ވަރަށް ގިނަ ކަމަށާއި، މިވަގުތަކީ، ނޫސްވެރިކަމާއި، ޓެކްނޮލޮޖީއާއި، މަދަނީ ހައްގުތަކާއި އިންސާނީ ހައްގުތަކާ ދެމެދު އޮންނަ ވަކިވަކި ގުޅުންތައް ގުޅުވާނެ ނިޒާމުތަކާމެދު ދުނިޔޭގައި ފުޅާކޮށް ބަހުސްކުރަމުން އަންނަ ވަގުތެއް ކަމަށެވެ.
އަދި ނޫސްވެރިންނާއި، ޑިޖިޓަލް ހައްގުތައް ހިމާޔަތްކުރާ ފަރާތްތަކާއި، ޓެކްނޮލޮޖިސްޓުންނާއި، ޕޮލިސީ ހަދާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މަދަނީ ޖަމިއްޔާތަކާއި، އިލްމީ ދާއިރާތަކާއި، ދިރާސާވެރިންނާއި، ޒުވާނުން ލީޑަރުން އަދި ކޮންޓެންޓް ކްރިއޭޓަރުންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތަކަށް އާ ހައްލުތައް ހޯދުމަށް ބަހުސްކުރަމުން އަންނަ ވަގުތެއް ކަމަށާއި ނޫސްވެރިކަމުގެ މުސްތަގްބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ގާއިމުކުރުމުގެ ޢަމަލީ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މޯލްޑިވްސް 2.0 ގެ ތަސައްވުރު ހަގީގަތަކަށްވެގެންދާއިރު، ހުރިހާގޮތަކުންވެސް ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި މާހައުލެއް ތަނަވެސްވެގެން ދާނެ ކަމަށެވެ.

