މިނިވަން ނޫސްވެރިކަމަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި، ކޮރަޕްޝަން ހުއްޓުވުމުގެ އިތުރުން ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުމަށްޓަކައި ކޮންމެހެން މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެންނެވެ.
އަދި ވަރުގަދަ ޑިމޮކްރަސީ ނިޒާމެއް ބިނާކުރުމަށްޓަކައި މިނިވަން މުސްތަގިއްލު ނޫސްވެރިކަމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ ބާރު އަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ.
މިއަދަކީ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެއްކަން ފާހަގަކުރައްވަމުން، ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިވާނޭފަދަ މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަމަށް އެކަމަނާ އަލިއަޅުއްވައިލެއްވިއެވެ.
މިގޮތުން ހަގީގަތް ހޯދުމާއި، މަޢުލޫމާތު ފެތުރުމުގައި ސައްޙަކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ޚަބަރު ފެތުރުމުގެ އަސާސްތައް ދެމެހެއްޓުމަށް ހުރިހާ ނޫސްވެރިންނަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލެއްވީ، މުޖުތަމައު ހޭލުންތެރިކުރުވުމަށާއި ރައްޔިތުންގެ އަޑު އުފުލައިދިނުމަށް ރޭދުވާ ނުބަލައި ބުރަ މަސައްކަތްކުރާ ހުރިހާ ނޫސްވެރިންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވަމުންނެވެ.

