ރާއްޖޭގެ މި އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލު ކުރައްވައިފިއެވެ.
އިއްޔެ ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ އި ހައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާ ކުރެއްވުމަށާއި، ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ހިދުމަތެެއް ދެވޭތޯ ޔަގީން ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އަދި ހައްޖުވެރިންނަށް ދަތިވާ ކަންތައްތައް ހައްލުކޮށް ދިނުމަށާއި ހައްޖުވެރިންނާ އި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
މި އަހަރު ހައްޖު މޫސުމަށް މައްކާގައި ގާއިމު ކުރާ ދިވެހި ހައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް ހަމަޖައްސާފައި ވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް ޝައިހު އިމްތިތާއު އައްބާސްއެވެ.
އަދި ރާއްޖޭގެ ފަރާތުން އިސް ޝައިހެއްގެ ގޮތުގައި ހައްޖުގައި ބައިވެރިވެ ވަޑައިގަންނަވާނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ހުސައިނެވެ.
ރާއްޖެއިން މި އަހަރުގެ ހައްޖުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތަކުގެ ދަށުން، ސައުދީ އަރަބިއްޔާގެ ހައްޖު އުމްރާ މިނިސްޓްރީގެ ތާވަލާ އެއްގޮތަށް އެންމެހާ މަސައްކަތްތައް ރާއްޖެއިން އަންނަނީ ކުރިއަށް ގެންދަމުންނެވެ.
އެ މިޝަންގައި 10 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. ހައްޖުވެރިން ސައުދީއަށް ދަތުރު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖެހިފައިވާކަން މިޝަންއިން ކަށަވަރު ކުރާނެއެވެ.
އެގޮތުން މައްކާ ހޮޓަލާއި، ހައްޖުގެ މަޝާއިރުތަކާއި، ދަތުރުފަތުރާއި ކެންއިންބުއިމާއި ސިއްހީ އެންމެހާ އިންތިޒާމްތަކާއި ތައްޔާރީތައް ބަލާ، ސައުދީ ހައްޖު މިނިސްޓްރީގެ މިންގަނޑަށް ހަމަޖައްސަފަވާކަން ކަށަވަރު ކުރާނެއެވެ.
ދިވެހި ހައްޖުވެރިން ފުރަން ފަށާނީ މި މަހުގެ 15 އިން ފެށިގެންނެވެ. އެގޮތުން ސައުދީ އަށް ހާޖީން ދާނީ ހަތަރު ބުރެއްގެ މަތިންނެވެ. ރާއްޖެ އިން ހައްޖަށް ދާނީ 1،000 މީހުންނެވެ.

