ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުން ވެސް މަސައްކަތް ކުރަނީ ވީހައިވެސް އަވަހަށް މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޗައިނާގައި އުސޫލުތައް ހުންނަ ގޮތުން، މި މަޝްރޫއުގެ ކޮންމެ މަރުހަލާއެއް ވެސް ކުރިއަށް ގެންދަނީ ޓެންޑަރ ކުރެވި، ބަޔަކު ނެގިގެން ކަމަށާއި، ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ވެސް ފެށުމަށް ފަސް އަހަރު ހޭދަވެފައި އެބަހުރި ކަމަށެވެ.

އަދި ބޭރު މަގު ފުޅާ ކުރުން ފަދަ ކަންކަން ސަރުކާރުން ކުރަމުން އަންނައިރު، އެއީ މަގުތައް ހެދުމުގެ މަޝްރޫއު ނުފެށެނީސް، ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ކަންކަން ކަމުގައި ވެސް މުއްތަލިބު ވިދާޅުވިއެވެ.

”ހަގީގަތުގައި، މި ކުރެވޭ މަސައްކަތްތަކަކީ، ވީހާވެސް އަވަހަކަށް މަޝްރޫއުތައް ފެށުން. އެއާއެކީގައި ރައްޔިތުންނަށް އަންނަ ދަތިތައް ހައްލު ކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން މިދަނީ. މާލޭގެ ބޭރު މަގު ފުޅާ ކުރަމުން މި ގެންދަނީ.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބޭރު މަގު ފުޅާ ކުރުމުގެ މަސައްކަތް ނިމުމުން، އެމްޕީއެލްގެ ކުރިމަތީގައިވާ މަގުގައި ތާރު އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ޗައިނާ އިން މާލޭގެ މަގުތައް ހަދަން ބޭނުންވަނީ، ރަނގަޅަށް ދިރާސާކޮށް، މާލޭގެ މަގުތަކުގައި ފެން ބޮޑު ނުވާނެ ގޮތަށް ކަމަށާއި، އެ ނޫން ގޮތަކަށް މަޝްރޫއު ކުރިއަަށް ގެންދަން ބޭނުން ނުވާ ކަމަށް އެބޭފުޅުން ވިދާޅުވެފައިވާކަން ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޗައިނާގެ ހިލޭ އެހީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މާލޭގެ މަގުތަކުގެ ޑިޒައިނާއި ސާވޭ ކުރުމަށް ޗައިނާ ޓީމެއް މި މަހު ރާއްޖެ އަންނާނެކަން ވެސް މުއްތަލިބު ހާމަކުރެއްވިއެވެ.