މާލެ ސަރަހައްދުގައިވާ ބިންތައް ބަހާ ނިންމާލާފައިވާއިރު، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި، މި ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ”ރަސްމާލެ“ ހިއްކުމުގެ މަސައްކަތް ކޮންމެހެން ވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށް ހައުސިން މިނިސްޓަަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ، ގުޅީފަޅުގެ ބޮޑު ބިމާއި، ގިރާވަރު ފަޅާއި، ހުޅުމާލޭގެ ފޭސް 3 ވެސް އެއްކޮށް ބަހާ ނިންމާލާފައިވާ ކަމަށެވެ.

”ފޭސް 2 ގައި ހުރި ބިންތައް ވެސް ވަނީ ބަހާފައި.“ މުއްތަލިބު ވިދާޅުވިއެވެ.

އެހެންވެ، ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަމަ، އެހެންތަނެއް ޕްލޭންކޮށް ތަރައްގީކުރަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

“ ރަސްމާލެ އަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް. އެ ތަން ނުހިއްކައެއް އަޅުގަނޑުމެންނަން ބޯހިޔާވަހިކަން ދެވޭކަށް ނެތް.“ މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

”ރަސްމާލެ“ މަޝްރޫއާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ޙައްލު ގެނެސްދެއްވާނެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރިން ވިދާޅުވިއެވެ.

އެ ސަހަރު ތަރައްގީ ވެގެން ދިޔުމުން، ޒަމާނުއްސުރެ މާލެ ސަރަޙައްދުގައި ހައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ލިބޭނެކަމެެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޕްލޭންކޮށްފައި ވަނީ މާލެ ސަރަޙައްދުން ގޯތިގެދޮރު ބޭނުންވާ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަށްވެސް އެފުރުސަތު ލިބޭނެގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.