ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް އެތައް ބަޔަކު އިސްލާމްދީން ގަބޫލުކުރަމުން ދެއެވެ. އެދީނުގެ މަތިވެރިކަމާއި، އެއީ ހައްގު ދީންކަން ގަބޫލުކުރެވިގެންނެވެ. މިއީވެސް އެފަދަ މީހެއްގެ ވާހަކައެވެ. ނެދަލެންޑަށް ނިސްބަތްވާ އަންހެނެއްގެ ވާހަކައެވެ.

Ads by Asuru

ލިޒް ޗޮއިސްއަކީ ޔޫޓިއުބަރއެކެވެ. ތުރުކީގައި ހުރެ ޝަހާދަތުގެ ދެކަލިމަކިޔައި، އިސްލާމްދީން ގަބޫލު ކުރި ސަބަބު ލިޒް ވަނީ ކިޔައިދީފައެވެ. އޭނާ ބުނި ގޮތުގައި އިސްލާމްދީނާ ގުޅޭގޮތުން އޭނާއަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ މުސްލިމުން އިސްލާމްދީނުގެ ވާހަަކަ ދައްކާއިރު، އެމީހުން ދީން ދެކެ ލޯބިވާ މިންވަރާއި އިހްތިރާމް ކުރާ މިންވަރު އިހްސާސް ކުރެވުމެވެ.

ލިޒް ކިޔައިދިން ގޮތުގައި މީގެ ކުރިން އޭނާ އިސްލާމްދީނާ މެދުގައި ދެކެމުން އައީ ވަރަށް ނުބައިކޮށެވެ. އެގޮތަށް ވިސްނުން ހުރީ، މީޑިއާއިން އިސްލާމްދީނާ ގުޅޭގޮތުން ފެނިފައި ހުރި ވާހަކަތަކުގެ ސަބަބުން ކަމަށްވެސް އޭނާ ބުންޏެވެ.

މުސްލިމުންގެ ހިތުގައި އިސްލާމްދީނަށް އޮންނަ ހާއްސަ ލޯބި ފެނި، އިސްލާމްދީނާ ގުޅޭ އެކި ލިޔުންތައް ކިޔައި، ޔޫޓިއުބް ވޯޑިއޯތައްވެސް ލިޒް ބަލަން ފެށިއެވެ. ދެން އޭނާ ފެށީ ޤުރުއާން އުނގެނޭށެވެ. ކީރިތި ޤުރުއާނުގެ ތަރުޖަމާ ކިޔަން ފެށުުމުން، ލިޒްގެ ޝައުގުވެރިކަން އެންމެ ބޮޑަށް ދަމައިގަތީ އެ ފޮތުގައިވާ ޒަމާނީ ސައިންސާ ގުޅުންހުރި ވާހަކަތަކުންނެވެ. ސައިންސްވެރިން ހޯދަމުން އަންނަ ފަހުގެ ހޯދުންތައް، މީގެ 1400އެތައް އަހަރެއް ކުރިން  ބާއްވައިލެއްވި ފޮތެއްގައި ލިޔެފައި ހުރުމުން ލިޒްއަށް ލިބުނީ އާދަޔާ ހިލާފު ހައިރާންކަމެއް ކަމަށް އޭނާ ބުންޏެވެ.

 

ލިޒް ޗޮއިސް–

މިކަމުގެ ސަބަބުން ޤުރުއާނުގެ މާނަ ކިޔާހިތްވުން އިތުރުވެ، އިސްލާމްދީނާ ގުޅޭ ވީޑިއޯތައްވެސް ބެލުން ލިޒް ގިނަ ކުރިއެެވެ. ލިޒް ބުނީ އިސްލާމްދީން އުނގެނުނު ވަރަކަށް އޭނާއަށް އެނގުނު ހަގީގަތަކީ، އިސްލާމްދީނާ ގުޅޭގޮތުން ހުޅަނގުން ފަތުރާ ވާހަކަތަކުގައި ކުޑަވެސް ހަގީގަތެއް ނެތްކަން ކަމުގައެވެ.

އެގޮތުން އިސްލާމްދީނުގައި އަންހެނުންގެ ހައްގުތައް އެއްވެސް ވަރަކަށް ނޯންނަ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދިޔައިރު، އަންހެނުންގެ ހައްގުތައް އެންމެ ފުރަތަމަ ކަށަވަރުކޮށްދިނީވެސް އިސްލާމްދީންކަން އެނގުނު ކަމަށް ލިޒް ވަނީ ބުނެފައެވެ.

ކޮންމެއަކަސް، އިސްލާމްދީނާ ގުޅުންހުރި މައުލޫމާތުތައް އުނގެނުނު ވަރަކަށް، އޭނާގެ ހިތުގައި ދީނަށް އޮންނަ ލޯބިވީ އިތުރެވެ. އެހެންވެ، އޭނާ ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވީއެވެ. މުސްލިމަކަށްވުމުގެ ކުރިން ލިޒް އަކީ އެއްވެސް ދީނެއް ގަބޫލު ކުރި މީހެއް ނޫނެެވެ. އޭނާގެ މައިންބަފައިން އޭނާއަށް ދަސްކޮށްދިނީ އެއްވެސް ދީނެއް ނުވާ ކަމަށެވެ.