އިންޑިއާ، މުމްބާއީ؛ މިއީ އިންޑިއާގެ މުމްބާއީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވި ފަހުން، އާއިލާއެއްގެ މެމްބަރުން މަޓަން ބިރިޔާނީ ކެއި ފަހުން ހިނގައިދިޔަ ވަރަށް ހިތާމަވެރި ހާދިސާއެކެވެ. ބިރިޔާނީ އަދި ކަރާ ކެއުމަށްފަހު، އާއިލާގެ ހަތަރު މެމްބަރުން ކުއްލި ގޮތަކަށް މަރުވެ ދިޔަ މި ހާދިސާ، އިންޑިއާގެ ކަމާ ގުޅޭ އިދާރާތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި މިއީ ވިހަ ދީގެން ”ގަސްތުގައި މަރާލުމުގެ މައްސަލަ“ އަކަށް ވެދާނެ ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

އަބްދުﷲ (45) އާއި އޭނާގެ އަންހެނުން ނިސްރީން (35) އަދި ދަރިން ޒައިނަބު (13) އަދި އައިޝާ (16) އާދިއްތަ ދުވަހުގެ ކުރީކޮޅުގައި މަރުވީ ބޭރަށް ހިންގައި ހޮޑުލުމަށް ފަހުގައި، ފަރުވާ ހޯދަން ފެށިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

އެންމެ ފުރަތަމަ ޝައްކު ކުރެވުނީ، އެ މީހުން މަރުވީ، ގާތްތިމާގެ ފަސް މީހަކަށް ދައުވަތުދީ، މަޓަން ބިރިޔާނީ ކެއުމަށްފަހު، ހޮނިހިރު ދުވަހުގެ ރޭ އެކެއް ޖެހި ފަހުން ކެއި ކަރާގެ ސަބަބުން ކަމަށެވެ. ނަމަވެސް ތަހުގީގީ އިދާރާތަކުން މިހާރު ޔަގީން ކުރަނީ، އެމީހުން މަރުވީ އެހެން ކަމެއްގެ ސަބަބުން ކަމަށާއި، އެއީ ކުރިން ބެލެވުނު ގޮތަށްވުރެ މާ ނުރައްކާތެރި ކަމަކަށް ވެދާނެ ކަމުގައެވެ.

މަރުވި އާއިލާގެ މީހުންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދި މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނާގޮތުގައި، އެ މީހުންގެ ހިތާއި ސިކުނޑި އަދި ގޮހޮރު ވަނީ ފެހި ކުލައަށް ބަދަލުވެފައެވެ. އަދި މިއީ އާދައިގެ ކާނާ ވިހަވުމަކުން ހިނގާނެ ކަމެއް ނޫން ކަމަށް ބެލެވޭއިރު، ވިހަ އެއްޗެއް ކެވުމުން މެދުވެރިވެދާނެ ހާލަތެއް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

”ޕްރިލިމިނަރީ ޓޮކްސިކޮލޮޖީ“ ރިޕޯޓުން އެނގޭ ގޮތުގައި، މަރުވި އަބްދުﷲގެ ހަށިގަނޑުން ވަނީ، ”މޯފީން“ ފެނިފައެވެ. މިއީ ހޮސްޕިޓަލުތަކުގައި ވަރަށް ހަރުކަށި ގަވައިދެއްގެ ދަށުން ނޫނީ ބޭނުން ނުކުރާނެ، ބާރު ގަދަ އެއްޗެކެވެ. މިއާއެކު ”ދަ ސްޓޭޓް ފުޑް އެންޑް ޑްރަގް“ އެޑްމިނިސްޓްރޭޝަން“ އިން ބުނެފައި ވަނީ، އަބްދުﷲގެ އާއިލާ މަރުވީ ކަރާ ކެއުމުގެ ސަބަބުން ކަމަށް އެއްވެސް މިންވަރަކަށް އަދި ނުބެލެވޭ ކަމަށެވެ.

މި ހާދިސާގެ ތަހުގީގުގައި އަބްދުﷲގެ ގެއަށް ކާން ދިޔަ ފަސް މީހުންނާ ވެސް ސުވާލުކޮށްފައިވެއެވެ. އެ އެންމެން ބިރިޔާނީ ކައިފައިވާއިރު، އެމީހުންނަށް އެއްވެސް ގޮތެއް ނުވެއެވެ. އެހެންވެ، މިކަން ހިނގައިދިޔަ ގޮތް އެނގޭނީ ފުރިހަމަ ތަހުގީގަކަށް ފަހުގައި ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.