މަސްތުވާތަކެއްޗާ އެކު އައްޑޫ ހުޅުދޫ މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރީ ހުޅުދޫ، ސެލްޓަން، މުހައްމަދު ރަޝީދު، 49، ކަމަށެވެ.

މި މަހުގެ 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ސިނަމާލެ ފުލެޓް ތެރެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 261.93 ގުރާމް ހުރި އިރު، މި މައްސަލައާ ގުޅިގެން، އޭނާއާ ގުޅުންހުރިކަ މަށް ބެލެވޭ ދެ ސައިކަލު ބަލައިފާސްކޮށް އެ ދެ ސައިކަލު ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ރަޝީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ޖަހައިފައި ވަނީ ފަސް ދުވަހެވެ.