ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސްރީލަންކާގެ ގުޑް މާކެޓްގެ އޮފީހަށް ޒިޔާރަތްކުރައްވައިފިއެވެ.
އިއްޔެ ކުރެއްވެވި މި ޒިޔާރަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ކުރެއްވި ޒިޔާރަތެކެވެ.
ގުޑް މާކެޓްގެ ފަރާތުން އިންތިޒާމުކުރި މި ޒިޔާރަތުގައި، އެކަމަނާ ވަނީ ކޮލަންބޯގެ ޒަމާންވީ ”ދި 80 ކްލަބު އޮފް ކޮލަންބޯ“ ގައި ކުރިއަށްދިޔަ އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ދައްކާލާ މައުރަޒެއް ބައްލަވާލައްވާފައެވެ.
އެގޮތުން މި މައުރަޒުގައި ދައްކާލާފައިވާ އުފެއްދުންތަކުގެ ތެރޭގައި، ދެމެހެއްޓެނިވި ގޮތުގައި ތައްޔާރުކުރާ ކާބޯތަކެއްޗާއި ދުޅަހެޔޮކަމާ ގުޅޭ އުފެއްދުންތަކާއި، ޒިންމާދާރުގޮތުގައި ތައްޔާރުކުރެވޭ އަންނައުނާއި ދިރިއުޅުމުގެ ވައްޓަފާޅީގެ އެކިއެކި ބްރޭންޑްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން މުޖުތަމައުގެ ލާބައަށް ހިންގާ ވިޔަފާރިތަކުގެ އުފެއްދުންތައް ހިމެނެއެވެ.
މި ޒިޔާރަތުގައި ރައީސްގެ އަނބިކަނބަލުން ވަނީ ވިޔަފާރިވެރިންނާ ސީދާ ބައްދަލުކުރައްވައި، އައު ވިޔަފާރިތައް ތަރައްގީކޮށް ފުޅާކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި އިޖުތިމާއީ މަންފާއަށް ވިސްނުމާއި ގުޅޭގޮތުންނާއި މިފަދަ އެކިއެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތައް ހޯދުމާބެހޭގޮތުން ހިޔާލު ބަދަލުކުރައްވާފައެވެ.
މީގެ އިތުރުން، އަންހެނުން އިސްވެ ހިންގާ ވިޔަފާރިތައް ބާރުވެރިކުރުވުމާއި، ޝާމިލު އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ފަދަ ގުޅުންތައް ގައުމުތަކުގެ މެދުގައި އާލާކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާގެ މި ޒިޔާރަތުގެ ސަބަބުން، ދިވެހިރާއްޖެއާއި ސްރީލަންކާގެ ރައްޔިތުންގެ ދެމެދުގައި އޮތް ޒަމާންވީ ދޭދޭ ގުޅުމާއި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ހާމަވެގެންދިޔައެވެ.
ސްރީލަންކާގެ ގުޑް މާކެޓަކީ، ޒިންމާދާރުކަމާއެކު ތަކެތި އުފައްދައި ބޭނުންކުރުމަށް ބާރުއަޅައިގެން ހިންގާ ޝާމިލު އަދި ދެމެހެއްޓެނިވި ވިޔަފާރިތަކަށް އެއްބާރުލުންދީ އެފަރާތްތަކުގެ އުފެއްދުންތައް އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަށް އަމާޒުކޮށް ހިންގާ މާކެޓެކެވެ.

