ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް) އިން ކުރިއަށްގެންދާ ހަރަކާތްތަކަކީ ސިޔާސީ ޕާޓީތަކުގެ ސުލޫކީ މިންގަނޑުން ބޭރުން ހިންގާ ކަންތައްތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ ) އިން ބުނެފިއެވެ.
އީސީން ނެރުނު ބަޔާނެއްގައި، އެ ޕާޓީގެ ސިލްސިލާ އެއްވުންތަކުގައި ގާނޫނާ ހިލާފުވާތީ، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނެވެ.
މީގެ އިތުރުން، އެހެން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް، ނުވަތަ އެފަދަ އެހެން ބައްދަލުވުމަކާ ދިމާކޮށް އެއް ވަގުތެއްގައި އެއް ތަނެއްގައި ހަރަކާތް ހިންގުމަކީ ވެސް މަނާކަމެއްކަން ކޮމިޝަނުން ވަނީ އަންގާފައެވެ.
މިފަދަ ގާނޫނާ ހިލާފު ކަންކަން ތަކުރާރުކޮށް އެ ޕާޓީން ކުރަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާތީ، އެކަންކަން ހުއްޓާލުމަށް އީސީން މީގެ ކުރިން ޕީއެންއެފްއަށް ވަނީ ނަސޭހަތްތެރިވެފައެވެ.
އެހެންކަމުން، އިސްލާހުނުވެ މި އަމަލުތައް ކުރިއަށްގެންދާ ނަމަ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ތެރެއިން ޕީއެންއެފްއާ ދެކޮޅަށް އެޅެން ހުރި އެންމެހާ ފިޔަވަޅުތައް އަޅާނެކަން އީސީން ވަނީ ކަށަވަރުކޮށްދީފައެވެ.

