”މާލެ ޓެކްސީ“ގެ ހިދުމަތަށް ހާއްސަ އެޕް ވަރަށް އަވަހަށް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޓީސީސީގެ ކޯލް ސެންޓަރަށް ގުޅައިގެން ދަތުރެއް ހަމަޖެއްސުމަށް އެވްރެޖުކޮށް 8 މިނެޓު ނަގާ ކަމަށާއި، އާންމުކޮށް ދަތުރެއްގެ ދިގުމިނަކީ 12.2 މިނެޓުކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވާކަމަށް ސައީދު ވިދާޅުވިއެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ފަރުމާކުރި އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުން ފާސްކޮށްފައިވާއިރު، ވަރަށް އަވަހަށް އާންމުންނަށް އެ ޑައުންލޯޑުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދުވަހުން ދުވަހަށް ދަތުރުތަކުގެ އަދަދު ފަންސާސް އިންސައްތަ އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ނިމިދިޔަ މަހުގެ 13 އިން 18 އަށް އެކަނިވެސް އެގާރަހާހަށްވުރެ ގިނަ ދަތުރުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ ފާއިތުވި މަހުގެ ދެވަނަ ދުވަހުއެވެ.

ފުރަތަމަ ދެ ހަފުތާގައި ހިލޭ ދަތުރުކުރެވޭ ގޮތަށް އޮތް ނަމަވެސް، މިހާރު ހިދުމަތް ދެމުން އަންނަނީ ވެބް ޕޯޓަލެއް މެދުވެރިކޮށް އާންމު ރޭޓުތަކުގައެވެ. މި މަޝްރޫއަށް ބޭނުންވާ 150 ކާރު މާރިޗު މަހުގެ ފަހުކޮޅު ގެނެސްފައިވާއިރު، މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށާއި މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުމަށް ހާއްސަ އުޅަނދުތައް ހިމެނެއެވެ.