ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިއުން ވަނީ އިއްވައިފައެވެ.
ސަރުކާރުގެ ފަރާތުން ފޮނުވި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ އިބްރާހިމެވެ.
މި ބިލުގެ މަގްސަދެއް ކަމުގައި ބިލުގައި ވަނީ، މި ބިލު ގާނޫނަކަށް ވުމުން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ރާއްޖޭގައި ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކުރެވިގެން ދިޔުން ކަމަށެވެ.
ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާއި މައުލޫމާތު އެއްކުރާ އަދި ޕްރޮސެސް ކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި އެ ފަރާތްތައް ރެގިއުލޭޓްކުރުމާ ބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ބަޔާން ކުރާނެއެވެ.
މި ބިލާއެކު ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ އިދާރާތަކާއި އެހެނިހެން ކްރޮސްބޯޑާ ފަރާތްތަކަށް ޒާތީ މައުލޫމާތު ޓްރާންސްފާ ކުރުމާ ގުޅޭ އުސޫލުތައް ވެސް ކަނޑައެޅުމުގެ އިތުރުން، ޑޭޓާ ނިސްބަތްވާ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކާއި އެ ހައްގުތައް ބޭނުން ކުރުމުގެ ހަމަތައް ބަޔާންކޮށް، ޑޭޓާ ބްރީޗެއް މެދުވެރިވެއްޖެ ނަމަ މައުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުން އަމަލު ކުރާނެ ގޮތުގެ އުސޫލުތައް ވެސް ބަޔާން ކުރާނެއެވެ.

