މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓުންނެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ގ. ނާޝިދުވިލާ / މާލެ، ފާތިމަތު ޝާޙާ އިބްރާހީމް (22އ)އެވެ.

މި މެއި މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 216.12 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.