މިއަދު މިއުޅެނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެންނެއް ނޫން ކަމަށާއި، ދޮގު ނުހަދައި، އަބުރާ ނުބެހި ވެސް ސަރުކާރަށް ފާޑު ކިޔައި، ޒިންމާދާރު ކުރެވޭނެ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
”އަދަދު“ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.
ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.
ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ ”އަދަދު“ ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.
ލީވާން ބަންދުކުރަން އަމުރުކުރީ ”އަދަދު“ ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފަށް ޚަބަރު ލިޔުނު މައްސަލައިގައެވެ.
މިކަމާ ގުޅިގެން، ރާއްޖޭގައި ނޫސްވެރިންގެ މިނިވަންކަން ގެއްލިއްޖެ ކަމަށް ބުނާ ފަރާތްތަކަށް ރައްދު ދެއްވައި ހީނާ ސޯޝަލް މީޑިއާގައި މިރޭ ވިދާޅުވީ، ސަރުކާރުން ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނިގުޅައިގަނެގެން ނޫޅޭ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު އުޅެނީ އެ ހައްގުތައް، އޭގެ އެއްވެސް ހައްދެއް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޒުފް ކޮށްގެން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި ސުވާލުކުރާ ހުރިހާ ނޫސްވެރިން ފުލުހަށާއި ކޯޓަށް ނުގެންދާ ކަމަށާއި، ޖަލަކަށްވެސް ނުލާ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތުވެސް ލިބޭކަން ފާހަގަކުރެއްވިއެވެ.
”އެކަމަކު ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓަކުން ގެގް އޯޑަރެއް ނެރުއްވާފައި އޮތުމުން އެއަށް އަމަލު ނުކުރައްވާ ހިތު ހުރިގޮތަކަށް އެ އަމުރާ ހިލާފުވާން ފުރުސަތު ދިނުމުގެ އިހުތިޔާރު ރައީސް އަކަށްވެސް ލިބިވަޑައެއްނުގަންނަވާ.“ ހީނާ ވިދާޅުވިއެވެ.
”މި ގައުމުގައި ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާ މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން އެކަމުން ސިޔާސީ ނަފާ ހޯދުމަށްޓަކައި ގާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރުންދަނީ ރޯވަމުންދާ އަލިފާން ގަނޑެއްފަދައިން ފެތުރެމުން.“ ހީނާގެ ޕޯސްޓުގައި އިތުރަށް ލިޔުއްވައިފައިވެއެވެ.
ރާއްޖޭގައި ހެދިފައިވާ ގާނޫނުތައް ތަންފީޒު ކުރެވޭނެ ކަމަށާއި، އެ ގާނޫނުތަކާ ހިލާފު ވުމުން، ފިޔަވަޅުވެސް އެޅޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.
އަދި ގާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށްް އެޅޭ މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، ޒާތީނުވެ، ދޮގު ނަހަދާ، އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔާ ޒިންމާދާރު ކުރެވޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.

