ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން، ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މެންބަރުން ހުށަހެޅި ގަރާރުގައި، ވަކި ފަރާތަކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް އަމަލު ކުރުމުގެ ތުހުމަތު ކޮށްފިއެވެ.
ނާޒިމު މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމަށް، ޕީއެންސީގެ 73 މަޖިލިސް މެންބަރުން ސޮއިކޮށްފައިވެއެވެ.
އެ މެމްބަރުން ސޮއިކޮށް މިއަދު މަޖިލީހަށް ހުށަހެޅި ގަރާރުގައި ނާޒިމުގެ އިތުބާރު ނެތް ކަމަށް ހިމަނާފައިވާ އިތުރު ސަބަބުތަކުގެ ތެރޭގައި، ޒިންމާއިން ބަރީއަވުމާއި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައި ވުން ހިމެނެއެވެ.
އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާ ކަމަށާއި މަޖިލީހުގެ ހުރިހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި ނާޒިމް އިހުމާލުވެފައިވާ ކަމަށެވެ.
ނާޒިމް އެގޮތަށް އަމަލު ކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ނާއިބު ރައީސް ހުރަހަކަށް ވެފައިވާ ކަމަށް ވެސް ގަރާރުގައި ވެއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ ގަރާރު ޕީއެންސީން މިއަދު ވަނީ މަޖިލީހަށް ވައްދައިފައެވެ.
އެކަމާ ގުޅިގެން މަޖިލީހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަޖިލީހުގެ ނައިބު ރައީސް، ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށްވެސް މަޖިލީހުން ބުނެފައިވެއެވެ.

