ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ބައިބައި ކުރުމަށް އެއްވެސް ވާހަކައެއް ދައްކާނެ ކަމެއް ނެތް ކަމަށާއި، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ފޯރިގަދަ ހަރުގެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގައި ގައުމަށްޓަކައި ކަމެއް ކޮށްދޭނެ މީހުން ތިބީ ޕީއެންސީގައި ކަމަށެވެ.

”މިތިބީ ގަދަކޮށް، މިތިބީ އެކުގައި، މިތިބީ ބަދަހިކޮށް، މި ލަޝްކަރު ރޫޅައެއް ނުލެވޭނެ އިރާދަކުރެއްވިއްޔާ.“ އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީއެންސީގެ ތެރޭގައި ރިޔާސީ ޓިކެޓަށް އެއްވެސް ވާދަވެރި ކަމެއް ނެތް ކަމަށާއި، އެޕާޓީގެ މެމްބަރުން ތިބީ 2028 ވަނަ އަހަރު ރައީސް ޑރ.މުހައްމަދު މުއިއްޒު ހޮވަން ކަމަރު ބަނދެގެން ކަމަށެވެ.

އަދި ޕާޓީގެ ލީޑަރޝިޕުން އެކުގައި ފޮޓޯ ނަގަނީ ރައްޔިތުންނަށް ދައްކާލުމަށް ނޫން ކަމަށާއި، އެ ޕާޓީގެ ކުރީ ސަފު އޮތީ ”ވަކި ނުކުރެވޭ ވަރަށް އެކީގައި“ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

”އަޅުގަނޑުމެން ބައިބައި ކުރާކަށް، ފިތުނަ އުފައްދާކަށް ވާހަކައެއް ދައްކާނެ ކަަމެއް ނެތް، އެކަމެއް ނުކުރެވޭނެ، ހަމަ ހިލާ ނުކުރެވޭނެ.“ އޭނާ ވިދާޅުވިއެވެ.

 

ޕީއެންސީގެ ހަރުގެ ޖަލްސާގައި އެ ޕާޓީގެ ސަޕޯޓަރުން

 

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ސަރުކާރު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް، ރޭގަނޑާއި ދުވާލު ޖަލްސާ ބާއްވައިގެން ވެސް ކުރާނެ ކަމަށް އަބްދުއްރަހީމްގެ ވާހަކައިގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުން ޕީއެންސީއަށް މަޖިލީހުގެ 75 ގޮނޑި ދިނީ ވެސް އެކަން ކުރުމަށެވެ.

އެއީ ރައްޔިތުންނަށްޓަކައި ގައުމު އަލުން އަނބުރާ ހޯދުމާއި، ގައުމުގެ މިނިވަން ދަމަހައްޓައި، އަދުލު އިންސާފު ގާއިމު ކުރުމުގެ މަސައްކަތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީގެ ކޮންގްރެސް ބާއްވަން ތައްޔާރުވަމުން އަންނައިރު، ވަރުގަދަ، ރީތި ކޮންގްރެސްއެއް ޕާޓީގެ މެމްބަރުންނަށް ފެނިގެންދާނެކަމުގެ ޔަގީންކަން ވެސް އަބްދުއްރަހީމް ރޭ ވަނީ އެ ޕާޓީގެ މެމްބަރުންނަށް އަރުވައިފައެވެ.