ފެލިދެއަތޮޅުގައި ފީނަން ދިޔަ އިޓަލީގެ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ނިޔާވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވީ، ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއެވެ.
އިޓަލީގެ ޑައިވަރުން ގެއްލުނު ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ މީހުންގެ ތެރެއިން، މިހާތަނަށް ފެނުނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. އޭނާގެ ހަށިގަނޑު ހޯދުނީ 60 މީޓަރު އަޑިން، ހޮހަޅައެއްގެ ތެރެއިންނެވެ.
އެމްއެންޑީއެފުން ބުނާގޮތުގައި، ބާކީ ތިބި ހަތަރު ޑައިވަރުން ތިބި ކަމަށް ބެލެވެނީ ދިގުމިނުގައި 200 ފޫޓު ހުންނަ މި ހޮހަޅައިގެ ތެރޭގައެވެ. އެހެންވެ، އެ މީހުން ހޯދަން ކުރިއަށް ގެންދަނީ ހައިރިސްކު އޮޕަރޭޝަނެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ރާއްޖޭގައި ޑައިވް ކުރަަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރު އަޑިއެވެ.

