ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ހުޅުމާލޭ ދޭކާއި ތިނަކުން ހިލޭ ގޯތި ދޫކުރުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 14.85 ބިލިއަން ރުފިޔާ އާއި 15.93 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ގެއްލުން ވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ ބިން ވެރިޔާ ސްކީމްގެ ދަށުން، އެ ކުންފުނީގެ މިލްކިއްޔާތުގައިވާ 2،841،400 އަކަފޫޓުގެ ބިން ވަކި ކުރިއެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުން ވަޒަން ކުރަން ޖެހޭނީ މާކެޓް ރޭޓްގައި އެ ބިންތައް ވިއްކާނެ އަގަށް ބަލައިގެން ކަމަށް ވެސް ބުނެފައިވެއެވެ.
އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދޭކާއި ތިނަކުން ބަންޑާރަގޯތި ދޫކުރުމަށް ސަރުކާރުން ނިންމި ބިންތައް މާކެޓް ރޭޓް އުސޫލުން ކުންފުންޏަށް އާމްދަނީ ހޯދުމުގެ ގޮތުން ވާދަވެރި ބީލަމެއްގައި ވިއްކައިފި ނަމަ، 14،847،279،200 ރުފިޔާ އާއި 15،932،847،200 ރުފިޔާއާ ދެމެދުގެ އަގެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދޭކުން 473 މީހަކަށް ދޫކުރި 188 ގޯއްޗަކީ ”ބީޗްސައިޑް ގޯތި“ ތަކާ އެއްގޮތް، އެ ފަދަ ގޯތިތަކުގެ އަގުގައި ވިއްކޭނެ ތަންތަން ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ގޯތިތަކުގެ ޖުމްލަ ޖާގަ އަކީ 347،600 އަކަފޫޓް ކަމަށްވާ އިރު، މާކެޓް ރޭޓްގައި ވިއްކާ ނަމަ އެއަށް 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށާއި ހުޅުމާލެ ދޭކުން އެހެނިހެން 1،166 މީހަކަށް 521 ގޯތި ދޫކޮށްފައިވާކަން ރިޕޯޓުގައިވެއެވެ.
އެއީ 909،250 އަކަފޫޓެވެ. އޮޑިޓު ރިޕޯޓްގައި އަންދާޒާ ކޮށްފައިވާ ގޮތުގައި މާކެޓް ރޭޓްގައި އެ ގޯތިތައް ވިއްކި ނަމަ އެޗްޑީސީ އަށް 4.9 ބިލިއަން ރުފިޔާ ލިބޭނެއެވެ. ހުޅުމާލެ ތިނަކުން ޖުމްލަ 2،481 މީހަކަށް 699 ގޯތި ދޫކޮށްފައިވާ އިރު، އެ ގޯތިތަކުގެ ޖުމުލަ ޖާގައަކީ 1،584،550 އަކަފޫޓެވެ.
އޮޑިޓްރިޕޯޓްގައި ވަނީ މާކެޓް ރޭޓުން އެ ގޯތިތައް ވިއްކި ނަމަ އެޗްޑިސީ އަށް 8.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

