ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ދިވެހި މަސްވެރިންނާއި، އެ މަސްވެރިންގެ އާއިލާތަަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން އުފައްދާ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލިއިރު، އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުން އުފައްދާ ބާވަތްތަކުން ނަގަމުން ދިޔައީ، %20 އިމްޕޯޓް ޑިއުޓީއެކެވެ. މިހާރު އެ ގައުމުން ވަނީ، 2028 ވަނަ އަހަރުގެ ނިޔަލަށް މި ޑިއުޓީ މެދުކަނޑާލާފައެވެ.

ޝިޔާމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔޫކޭގެ ނިންމުމަށް މަރުހަބާ ދަންނަވާ ކަމުގައެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓުން ލިބިގެންދިޔަ ވަަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

ޝިޔާމް ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި މިކަން ހަގީގަތަކަށް ހެދުމަށް ރާއްޖެއާއި ޔޫކޭގެ ސްޓޭކްހޯލްޑަރުން ކުރެއްވި މަސައްކަތަށްވެސް މިނިސްޓަރު ޝުކުރު އަދާ ކުރެއްވެވިއެވެ.

ރައީސް މުއިއްޒު ވެސް ވަނީ، ޔޫކޭއިން ޓެރިފް ކަނޑާލަން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ، މިއީ މަސްވެރި ސިނާއަތަށް ލިބިގެންދިޔަ ބޮޑު ކުރިިއެރުމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

 

 

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހަށް ޓެރިފް ކަނޑާލަން އެގައުމުން ނިންމި ނިންމުމާއި ގުޅިގެން ރައީސް ވަނީ އެގައުމުގެ ސަރުކާރަށާއި އެ ނިންމުން ނިންމެވުމަށް މަސައްކަތް ކުރި ހުރިހާ ބައިވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ޓެރިފް ކަނޑާލަން ނިންމިއިރު، މިއީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ޔޫކޭ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން، ދިވެހި މަހުގެ އުފެއްދުންތަކަށް ހަމަ އަގު 12 އަހަރަށް ފަހު ލިބެން ފަށާނެއެވެ.