އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ، އަނިޔާދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާތީ އެކަން ތަހުގީގު ކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

Ads by Asuru

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އުފެދޭ ހިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަނާ އިޚްތިރާމާއެކު މުޢާމަލާތް ކުރުމަށާއި، އެވާދަވެރިކަމުގެ ތެރެއިން އަނެކާ ނުރައްކަލަށް ކުރިމަތިވާ ގޮތަށް އެއްވެސް ފަރާތަކުން މުޢާމަލާތް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެހެން މީހަކަށް އަނިޔާވެރިވުމަށް ގޮވާލާ މިންވަރަށް ފުޅާކޮށް އޮތް މިނިވަންކަމެއް ނޫން ކަމަށް އެމްޑީޕީން ބުނެއެވެ.

”މިޕާޓީއަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫނެވެ. އަދި، ޤާނޫނުއަސާސީން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަން ވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ޤާނޫނީ އިމުގެ ތެރެއިންކަން މި ޕާޓީން އަބަދުވެސް ޤަބޫލުކުރާނެ އެވެ.“ އެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ އަންހެނުން ސިޔާސީ ހަރަކާތަށް ނެރި، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމަކީ އެ ޕާޓީގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެންމެ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އަދި ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް އަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުން ކުށްވެރިކުރާ ކަމަށް އެމްޑީޕީން ބުނެއެވެ.

އަދި މިއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސްއެޅިގެން ދާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.