މުޙައްރަމް މަހަކީ އެހެނިހެން މަސްތަކުގެ މައްޗަށް މާތްކުރައްވާފައިވާ މައްސަރުތަކުގެ ތެރެއިން މައްސަރެކެވެ. އެހެންވެ، މި މަހުގައި ހެޔޮ ޢަމަލުތައް ކުރުން ގިނަ ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހެއެވެ.

ކީރިތި ޤުރުއާނުގައި، މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالأرْضَ مِنْهَا أَرْبَعَةٌ حُرُمٌ ﴾ [التوبة / 36]
މާނައީ: ”ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، ޙުރުމަތްތެރި ވެގެންވެއެވެ.”

އެ ޙުރުމަތްތެރި ކުރެއްވި ހަތަރު މަހުގެ ތަފްޞީލް ޙަދީޘްގައި ވެއެވެ.

إِنَّ الزَّمَانَ قَدْ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلاثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبٌ شَهْرُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ)) [أخرجه البخاري (3197) ومسلم (1679)]

މާނައީ: ”ހަމަކަށަވަރުން އިހު ހުރިގޮތަށް ޒަމާންތައްވަނީ އެނބުރި އައިސްއެވެ. އެއީ ﷲ، އުޑާއި ބިން ޚަލްޤުކުރެއވިދުވަހު ހުރިގޮތަށެވެ. އަހަރެއްގައި ބާރަ މައްސަރުވެއެވެ. އޭގެތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެންވެއެވެ. ޖެހިޖެހިގެން އަންނަ ތިން މަސް: ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި މުޙައްރަމެވެ. އަދި [ހަތަރުވަނައީ] ޖުމާދާއާއި ޝަޢްބާނުގެ ދެމެދަށް އަންނަ މުޟަރުގެ މަސް ރަޖަބެވެ.”

މި މައްސަރަކީ މާތް މައްސަރަކަށް ވުމާއެކު މި މައްސަރުގައި ރޯދަ ހިފުން ސުންނަތްވެގެންވެއެވެ. އެކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلَاةِ بَعْدَ الْفَرِيْضَةِ صَلَاةُ اللَّيْلِ)) [ رواه مسلم (1163)] މާނައީ: “ރަމަޟާން މަހަށްފަހު އެންމެ އިތުރުކަންބޮޑުވެގެންވާ ރޯދައަކީ ﷲ ތަޢާލާގެ ޙުރުމަތްތެރިވެގެންވީ މުޙައްރަމު މަހުގެ ރޯދައެވެ. އަދި ފަރްޟު ފަސް ނަމާދަށްފަހު އެންމެ އިތުރުކަންބޮޑު ވެގެންވީ ނަމާދަކީ ދަމު ނަމާދެވެ.”