ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ޝަރީއަތުން ނިންމަވައިފިއެވެ.
އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއީ ހެކިތަތަކީ ދޮގެއް ކަން ސާބިތު ކުރުމަށް ދައުލަތުން ހެކި ހުށަހަޅަން އެދުމުން ދިފާއުން ވަނީ ޝަރީއަތުގެ މެދުތެރެއިން އެ ގޮތަށް އާ ހެކި ހުށަނޭޅޭނެކަން ފާހަގަކުރައްވައިފައެވެ.
ނަމަވެސް މިއަދުގެ އަޑުއެހުން ފަށަމުން ގާޒީ ޝަކީލް ވިދާޅުވީ އެ ހެކިތައް ބަލައިގަތުމަށް ޝަރީއަތުން ނިންމާފައިވާ ކަމަށެވެ. އެ ކަމަށް ބަހުސެއް ކުރުމަށް ފަހު އަލުން ގޮތެއް ނިންމުމަށް ޔޫސުފު ނައީމްގެ ވަކީލު ހަމްޒާ ލަތީފް އެދިވަޑައިގެންނެވި ނަމަވެސް، މިއަދު ގޮތެއް ނިންމަވާނެ ކަން ގާޒީ ކުރިން ވެސް ވިދާޅުވެފައިވާތީ އެ ފުރުސަތު ނުދެއްވައެވެ.
ދައުލަތުން ހުށަހެޅީ އާ ހެކިތަކުގެ ތެރޭގައި ރައީސް ޔާމީންގެ ވެރިކަމުގައި ނަރީޝް ވަޒީފާ އަދާކުރި ތަނުގެ ހާޒިރީ އާއި، އޭރުގެ ވަޒީރުންގެ ކެބިނެޓްގެ ކޮމިޓީއެއް ކަމަށްވާ އިކޮނޮމިކް ޔޫތު ކައުންސިލްގެ ޖަލްސާތަކެއްގެ ޔައުމިއްޔާ ހިމެނެއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ޔައުމިއްޔާތަކަކީ ސައްހަ ނޫން ލިޔުންތަކެއް ކަމަށް ކަނޑައެޅުމަށް ދިފާއީ ހެކި ހުށަހަޅާފައެވެ. އަދި، ނަރީޝް ހުށަހެޅީ ޔޫސުފް ނައީމާ ދެމެދު ހިނގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތު ކުރުމަށެވެ. ދައުލަތުގެ އާ ހެކިތަކަކީ މި ހެކިތައް ނަފީ ކުރުމުގެ ބޭނުމުގައި ހުށަހެޅި ހެކިތަކެކެވެ.
