މާދަމާ ފެށުމަށް ތައްޔާރުވެފައިވާ ވޯލްޑް ކަޕާ ދިމާކޮށް މުޅި ޤަތަރު ތައްޔާރުވެފައިވާއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ވީޑިއޯއެއް ކަމަށް ބުނެ، ކުޑަ ކުއްޖަކު ކީރިތި ޤުރުއާން ކިޔަވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ މީސްމީޑިއާގައި ދައުރުވެ، އެތައްހާސް ބައެއްގެ ސަމާލުކަން ލިބިފައެވެ.
ޤަތަރުގައި މާދަމާ ފަށާ މުބާރާތް، ހުޅުވުމުގެ ޚާއްސަ ރަސްމިއްޔާތުވެސް ފަށާނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ.
އެހެންނަމަވެސް ވޯލްޑްކަޕްގެ އޯޕެނިން ސެރެމަނީގެ ވީޑިއޯއެއް ކަމަށް ބުނެ، މިހާރު ދައުރު ކުރަމުން ދަނީ، ޤަތަރުގައި މުޅިން އަލަށް ތަރައްޤީކުރި ”އަލް-ތުމާމާ ވޯލްޑް ކަޕް ސްޓޭޑިއަމް“ ހުޅުވުމުގެ ރަސްމިއްޔާތުގެ ވީޑިއޯއެކެވެ. އަލް-ތުމާމާ ސްޓޭޑިއަމްގައި 40،000 މީހުންގެ ޖާގަ އޮވެއެވެ.
މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ވީޑިއޯ އިންސްޓެގްރާމްގައި ހިއްސާ ކުރި ތާރީޚަކަށް ޖަހާފައި ވަނީ 23 އޮކްޓޯބަރު 2021އެވެ. އެހެންކަމުން، މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގައި ހުޅުވި ދަނޑެކެވެ.
އަލް-ތުމާމާ ވޯލްޑް ކަޕް ސްޓޭޑިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި 100އެއްހާ ކުޑަކުދިން ބައިވެރިވިއެވެ.
ދަނޑު ހުޅުވައިދިނުމަށް ޤުރުއާން ކިޔެވި ކުއްޖާ ކިޔާފައިވަނީ އައްރަޚްމާން ސޫރަތުގެ އާޔަތްތަކެކެވެ.
އަރަބި ހެދުމުގައި އެ ކުޑަކުއްޖާ ޤުރުއާން ކިޔަވާ ވީޑިއޯ، ރެކޯޑު އަދަދަކަށް މީހުން ވަނީ ޝެއަރ ކޮށްފައެވެ. އެ ވީޑިއޯ ހިއްސާކޮށް ތަޢުރީފު ކުރި މީހުންގެ ތެރޭގައި މުސްލިމުންނާ، ޣައިރު މުސްލިމުންވެސް ހިމެެނެެއެވެ.
ޤަތަރަކީ ވޯލްޑް ކަޕް ބާއްވާ ފުރަތަމަ އިސްލާމީ ގައުމެވެ.

މަރުހަބާ ޤަތަރު މުސްލިމްގެ ތާރީޚް ތެރަށް ވަދެއްޖެ.