ކެއްކުމުގެ ދާއިރާ އަށް ދިވެހި ޒުވާނުން ނިކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

Ads by Asuru

ޝެފް އެވޯޑްސް ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެފައި އޮތް މިންވަރަށް ބަލާއިރު، އެކަށީގެންވާ އަދަދަކަށް ޝެފުން ދިވެހިންގެ ތެރޭގައި ނެތް ކަމަށާއި ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާވާވަރަކަށް، ކަލިނަރީ ފަންނުގެ ހުނަރުވެރިންނަށް ބޭނުންވާ މިންވަރުވެސް އިތުރުވަމުންދާނެ ކަމަށެވެ.

”މިއީ އަޅުގަނޑުމެންގެ ޒުވާނުން ކުރިމަތިލާން ވަރަށް މުހިންމު ފަންނެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑު ދެކޭ ގޮތުގައި، ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުންނަ ވަރަކަށް، މި ފަންނު އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ އެއް ޤަބޫލުކުރުމަކީ، ކެއްކުމަކީ އެ ގެއެއްގައި އުޅޭ ބަޔަކު ކައިބޮއި ހެދުމަށްޓަކައި ކާއެތިކޮޅު ރޯފިލުވައިލުން ކަމަށެވެ. ނަމަވެސް އެއީ، އެއަށްވުރެ މާފުޅާ ދާއިރާއެއްކަން މިއަދު އެނގޭ ކަމަށާއި އެގޮތުން ކެއްކުންތެރިކަމަކީ ވިޔަފާރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

”އާމްދަނީއަކަށް ވިސްނާ ކޮންމެ ޒުވާނަކަށް ވެސް މިއީ ވަރަށް އެކަށީގެންވާ ރަނގަޅު ދާއިރާއެއް. މިހާރު ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި، ދިވެހި ފަތުރުވެރިކަމާ މެދު އޮތް މަޤްބޫލުކަން އިތުރުކުރުމަށްޓަކައި ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުތުމަކީ ވަރަށް މުހިންމު ކަމެއް.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ޓޫރިޒަމްގެ ދާއިރާ އިން ލިބޭ ހުރިހާ ކާމިޔާބީއެއްގެ އެންމެ މުހިންމު އެއް ޙިއްޞާދާރަކީ، ރިޒޯޓުތަކުގައި ކެއްކުމާއި، ކާބޯތަކެތި ތައްޔާރުކުރައްވާ ޝެފުން ކަމަށްވެސް ވިދާޅުވެފައެވެ.