އިޒްރޭލްގެ ޔަހޫދީން ފަަލަސްތީނުގައި ހިފާފައިވާ ހުޅަނގުއައްސޭރީގައި އިތުރު 627 ގެ އެޅުމަށް ނިންމައިފިއެވެ.
ހުޅަނގުއައްސޭރީގައި ޔަހޫދީން ފުޅާ ކުރަމުން އަންނަ ”ކޮޗަވް ޔާކޯވް“ އާބާދީއަށް ހާއްސަކޮށް ކުރިއަށް ގެންދާ މި މަޝްރޫއު ޓެންޑަރަށް ހުޅުވާލިކަން އިއުލާނު ކޮށްފައިވާއިރު، އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ. މި ގެތައް އެޅުމަށް ހަމަޖެހިފައި ވަނީ، ރާމަﷲ އަދި އަލްބީރާ ގަވަނަރޭޓުގައެވެ.
މި ނިންމުމާ ގުޅިގެން ޕަލެސްޓިނިއަން ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް (ސީ.އާރް.އާރް.ސީ) އިން ބުނީ، މިއީ ޖެރޫސަލަމް ނުވަތަ އަލް ގުދުސްއާއި ފަލަސްތީނުގެ ވަށައިގެންވާ ސަރަހައްދުތައް ވަކި ކުރުމަށް ހިންގާ އަމަލެއް ކަމުގައެވެ. 63 އޭކަރުގެ ސަރަހައްދެއްގައި ކުރިއަށް ގެންދާ މި މަޝްރޫއު އިޒްރޭލްގެ ކަމާބެހޭ ފަރާތްތަކުން އެޕްރޫވް ކޮށްފައި ވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ކަމަށް ވެސް ސީ.އާރް.އާރް.ސީ އިން ބުނެފައިވެެއެވެ.
ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ގެދޮރު އިމާރާތް ކުރަމުންދާއިރު، މިކަމާ ދެކޮޅަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވެސް ވާހަކަ ދައްކާފައިވެއެވެ. އޭނާ ވިދާޅުވީ، އިޒްރޭލުގެ މި އަމަލަކީ ސައްހަ ކަމެއް ނެތް، ބައިނަލްއަގްވާމީ ގާނޫނާ ވެސް ހިލާފު ކަމެއް ކަމުގައެވެ.

