އިންޑޮނީޝިއާ އަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި ބަޔަކު މަރުވެއްޖެއެވެ.

7.7 މެގްނިޓިއިޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން މިހާތަނަށް ފަސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި ބިންހެލުމާ ގުޅިގެން ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ނިދާފައި ތިއްބައި އައި ބިންހެލުމާ ގުޅިގެން ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައިވާތީ ކަމާބެހޭ ފަރާތްތަކުން އަންނަނީ މީހުން ސަލާމަތް ކުުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި، މި ބިންހެލުމަށް ފަހުގައި 6.1 ބާރުމިނުގައި ވެސް އިތުރު ލޮޅުމެއް އައިސްފައިވެއެވެ.

ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ބިންހެލުން އައިތާ ތިން ގަޑިއިރު ފަހުން އެ އިންޒާރު ވަނީ އުވައިލައިފައެވެ.

މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އިރުމަތީ ނޫސާ ޓެންގަރާ ޕްރޮވިންސަށެވެ.