އެޕަލް ކުންފުނިން އުފެއްދި އެންމެ ފުރަތަމަ ފަތްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ދައްކާލައިފިއެވެ.
މި ފޯނު ލައްޕާލުމުން ހީވަނީ ކުޑަ ބުކްލެޓެއް ނުވަތަ ޕާސްޕޯޓެއްހެންނެވެ. އަދި ހުޅުވާލާފައި ހުންނައިރު އައިޕެޑެއްގެ ސައިޒާ އެއްވަރެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ މި ފޯނަށް އޯޑަރު ދިނުމުގެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ހުޅުވާލާއިރު، މި އުފެއްްދުން ރަސްމީކޮށް ލޯންޗު ކުރާނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.
256 ޖީބީގެ ސްޓޯރޭޖު ހިމެނޭ މި ޕްރޮޑަކްޓްގެ އަގު ފެށެނީ 1،999 އެމެރިކާ ޑޮލަރުންނެވެ. އެޕަލްގެ 48 މެގަޕިކްސެލް ފިއުޝަން އަލްޓްރާ ވައިޑް ކެމެރާ ހިމެނޭ މި ފޯނުގެ ދެ ޓީބީ ސްޓޯރޭޖްގެ މޮޑެލް ވެސް ހުރެއެވެ.

މި ފޯނުގައި ފޭސްޓައިމް ކެމެރާއެއް ހުންނައިރު، މި ކެމެރާ ފެންނާނީ ފޯނު ހުޅުވައިލުމުންނެވެ. އެޕަލް އިން ބުނީ އެ ކުންފުނީގެ އެހެން ފޯނުތަކުން ކެމެރާ ބޭނުން ނުކުރެވޭ، އާ، މަޖާ ގޮތްތަކަށް ޑުއޯގެ ކެމެރާ ބޭނުން ކުރެވޭ ކަމުގައެވެ.
”ހަމައެކަނި ޓެޕް ކޮށްލުމުން، މި ފޯނު ތިބާގެ ޕާސަނަލް ފޮޓޯގްރާފަރއަށް ބަދަލުވެގެންދާނެ.“ އެޕަލް އިން ބުންޏެވެ.
މި ފޯނުގައި ދެ ބެޓެރި ހިމެނެއެވެ. އެގޮތުން ފޯނުގެ އައުޓަރ ޑިސްޕްލޭ އެކަނި ބޭނުންކުރާނަމަ، 44 ގަޑިއިރު ބޭނުން ކުރެވޭނެއެވެ. އަދި 31 ގަޑިއިރުވަންދެން އިނަރ ސްކްރީން ބޭނުން ކުރެވޭނެއެވެ. މިއީ ބެޑް ސައިޑް ގަޑިއަކަށް ވެސް ބަދަލުކޮށްލެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ފޯނެކެވެ.
އައިފޯން 18 އާއި، އައިފޯން ޑުއޯ ދައްކާލުމުގެ ހަފްލާގައި އެ ކުންފުނީގެ ސީއީއޯ ޖޯން ޓާނަސް ބުނީ، ފަތްޖެހޭ އެހެން ފޯނުތައް އޭނާއަށް ކަމުނުދާ ކަމަށާއި، އެ ފޯނުތައް ހީވަނީ ތަތްލަވައިފައިވާ ދެ ފޯނުހެން ކަމަށެވެ.

